27 Jan 2016, 21:07
ދިރާގު 'ޕިކް މީ އަޕް ސާވިސް'ގެ ނަމުގައި އެ ކުންފުނިން ރާއްޖެއަށް މުޅިން އާ ހިދުމަތެއް ތައާރަފްކޮށްފި އެވެ.
ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް މިއަދު ތައާރަފްކުރި 'ޕިކް މީ އަޕް' ހިދުމަތަކީ ކްރެޑިޓް ދަށްވުމުގެ ސަބަބުން ނުވަތަ ކޯލްކުރުމަށް ދަތި ވަގުތުތަކުގައި، ފަސޭހަ ކަމާއެކު އެބޭފުޅަކު ބޭނުންވާ ފަރާތަކަށް، ބަލައި އައިސްދިނުމަށް އެދި މެސެޖެއް ފޮނުވާލެވޭ ހިދުމަތެކެވެ.
ދިރާގުން ބުނީ، ޕިކް މީ އަޕް މެސެޖްގެ ޚިދުމަތަކީ ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް މުޅިން ހިލޭ ފޯރުކޮށްދެވޭ ޚިދުމަތެއް ކަމަށެވެ. އެގޮތުން މި ހިދުމަތް ލިބިގަތުމަށްޓަކައި #200* އަށް ޑައިލް ކުރުމުން ލިބިލައްވާ މެނޫގައި، މެސެޖް ލިބެންވީ ފަރާތުގެ މޮބައިލް ނަންބަރާއި ބަލައި އަންނަންވީ ތަން، އަދި މީގެ އިތުރުން 48 ކެރެކްޓަރަށް ވުރެ ދިގުނުވާނެ ގޮތަށް، ބަލާ އަންނަންވީ ގަޑިވެސް ލިޔެލެވޭނެއެވެ.
މިއަދު މި ތައާރަފް ކުރެވިގެން ދިޔަ ހިދުމަތާއި ގުޅޭގޮތުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ، "ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން މި ގެންދަނީ ޒުވާނުންނާއި ގުޅުންހުރި، ޒަމާނީ، އިނޮވޭޓިވް ހިދުމަތްތަކެއް ތައާރަފް ކުރުމަށް،" ކަމަށެވެ.
"މި ހިދުމަތަކީ، ޒީރޯ ބެލެންސްގައިވެސް ކޮންމެ ކަސްޓަމަރަކަށްވެސް ބޭނުން ކުރެވޭނެ، އަދި ޕޯސްޓްޕެއިޑް އާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މުޅިން ހިލޭ ބޭނުންކުރެވޭނެ. ދިރާގުން އުންމީދު ކުރަނީ މި ހިދުމަތަކީ މިހާރު ދިރާގުން ދެމުންގެންދާ 'ކޯލް މީ ބެކް' ހިދުމަތް ފަދައިން ޒުވާނުންގެ މެދުގައި މަޤްބޫލް ހިދުމަތަކަށް ވެގެންދާނެ ކަމަށް،" އިމްޖާދު ވިދާޅުވިއެވެ.
ދިރާގު ޕިކް މީ އަޕް ސާވިސް ލޯންޗުކުރުމަށް މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާގައި ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލާއި ޕްރޮޑަކްޓް މެނޭޖަރު، މޮބައިލް ސާވިސަސް ޑިވެލޮޕްމެންޓް އަޙްމަދު އިޝާން މައުލޫމާތު ދެނީ -- ފޮޓޯ: ދިރާގު
މި ހިދުމަތް ލޯންޗް ކުރުމުގެ ހަފްލާގައި ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރު، މޮބައިލް ސާވިސަސް ޑިވެލޮޕްމެންޓް އަޙްމަދު އިޝާން ވިދާޅުވީ، "މި ޚިދުމަތް މެދުވެރިކޮށް ދިރާގު މޮބައިލްގެ އިތުރުން އެހެން ނެޓްވޯކް ގެ ނަންބަރުތަކަށްވެސް "ޕިކް މީ އަޕް" ރިކުއެސްޓް ފޮނުވިދާނެ،" ކަމަށެވެ.
އަދި ކޮންމެ ދިރާގު މޮބައިލް ކަސްޓަމަރަކަށްވެސް ދުވާލަކު 5 ރިކުއެސްޓް ވަރަށް ފަސޭހަ ކަމާއެކު މި ހިދުމަތް މެދުވެރިކޮށް ފޮނުވޭނެކަމަށް އިޝާން ވިދާޅުވިއެވެ.
ދިރާގުން މިހާރުވެސް ޔޫއެސްއެސްޑީ ކޯޑް މެދުވެރިކޮށް 'ކޯލް މީ ބެކް' ހިދުމަތާއި ކަސްޓަމަރ ސާވިސްގެ ހިދުމަތް #123* މެދުވެރިކޮށް ދެމުންގެންދެއެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން އެބޭފުޅުންގެ ބިލްގެ ބެލެންސް ބަލައިލުމުގެ ހިދުމަތް 727 އަށް ހުސް މެސެޖެއް ފޮނުވާލުމުން ލިބެއެވެ.