ރާއްޖެ ވަޑައިގަތުމާމެދު ވަކީލުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ވަޑައިގެންއުޅުއްވަމުން ސީއެންއެންގެ ޕްރޮގްރާމެއްގައި ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލު އަމާލް ކްލޫނީ އާއެކު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެނބުރިވަޑައިގަންނަވަން ބޭނުންފުޅު ވަނީ މިނިވަން އަދި އަމާން ކަމާއެކު އިދިކޮޅު ސިޔާސީ ހަރަކާތް ހިންގޭނެ ދިވެހިރާއްޖެ އަކަށް ކަމަށެވެ.

ފަރުވާއަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނަންތޯ ޕްރޮގްރާމްގެ ހޯސްޓް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީު "ދެން ކަންތައް ކުރައްވާނެ" ގޮތަކާމެދު ވަކީލުންނާ މިހާރު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ.

ނަމަވެސް މީގެ ކުރިން ނަޝީދުގެ ގާނޫނީ ވަކީލުންނާއެކު އިނގިރޭސިވިލާތުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފަނު ވިދާޅުވީ ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ނަޝީދު އެދުވަހު ވިދާޅެއް ނުވެ އެވެ.

މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ސަރުކާރުން ހުއްދަ ދިނުމުން އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގަތީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

ގައިދީއަކު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ކުރިން ސޮއިކުރަންޖެހޭ ލިޔުންތަކުގައި ނަޝީދުގެ އާއިލާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެމަނިކުފާނުގެ ބޭބޭފުޅު އިބްރާހީމް ނާޝިދެވެ.

ނަޝީދަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ދިޔަ ބޭފުޅެކެވެ. އެމަނިކުފާނު އިނގިރޭސިވިލާތައް ބޭސްފަރުވާއަށް ދިޔުމުގެ ހުއްދަ ދިނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންނެވެ.

ކަރެކްޝަނަލް ސާވިސް އިން އެ ހުއްދަ ދޫކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު ހަމަވާފަހުން ވެސް ނަޝީދަށް އިނގިރޭސިވިލާތުގައި ހުރެވޭނީ ޑޮކްޓަރުގެ ލަފާގެ މަތިން ކުރު މުއްދަތަކަށެވެ.

ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެމަނިކުފާނަށް ބޭސްފަރުވާކުރަން ދީފައި ވަނީ ޖުމްލަ 45 ދުވަހުގެ މުއްދަތެއް ކަމަށެވެ.

ނަޝީދު ސޮއިކުރެއްވި ލިޔުމުގައި އެމަނިކުފާނު އެއްބަސްވެފައިވާ ކަންތައްތައް

  • ރާއްޖެއިން ބޭރަށް ދިޔުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި އެދިޔަ ގައުމެއްގައި ހުންނަތަނުގެ އެޑްރެސް އަދި ފޯނު ނަންބަރު ކަރެކްޝަނަލް ސާވިސް އަށް އެންގުމަށް.
  • ރާއްޖޭއިން ބޭރުގައި ހުންނަ އެޑްރެސް ބަދަލުވެއްޖެނަމަ އެކަން ކަރެކްޝަނަލް ސާވިސް އަށް އެންގުމަށް.
  • ފަރުވާކުރުމުގެ މުއްދަތު 30 ދުވަހަށްވުރެ ދިގުވާނަމަ، ފަރުވާދެއްވާ ޑޮކްޓަރުގެ ލިޔުމެއް ހޯއްދަވައި އެ ލިޔުން ކަރެކްޝަނަލް ސާވިސްއަށް ފެކްސް މެދުވެރިކޮށް ފޮނުވައި ކަރެކްޝަނަލް ސާވިސްގެ ހުއްދަ ހޯދުމަށް.
  • ފަރުވާ ފުރިހަމަ ކުރެއްވުމަށްފަހު މާލެ އަންނަން ގަސްދުކުރާ ފްލައިޓު ނަންބަރާއި ގަޑި އާއި ތާރީޚު ކަރެކްޝަނަލް ސާވިސް އަށް އެންގުމަށް.
  • ރާއްޖެއިން ބޭރަށް ފުރާ ދުވަހުން ފެށިގެން ހުކުމް މެދުކެނޑޭ ކަމާއި އަދި އެނބުރި ކަރެކްޝަނަލް ސާވިސްއާ ހަވާލުވާ ދުވަހުން ފެށިގެން ހުކުމް ތަންފީޒު ކުރަން ފެށޭނެކަމަށް.