27 Jan 2016, 20:43
ފުޅާ ދާއިރާއެއްގައި އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގާނޫނާ ގަވާއިދާ އެއްގޮތަށް މުދާ އެތެރެކޮށް ބޭރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން މުދާ ކްލިއަރ ކުރުމުގެ އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް، "ކަސްޓަމްސް އެކްރެޑިޓެޑް ކްލަޔަންޓް (ސީއޭސީ)" ގެ ނަމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ޕްރޮގްރާމެއް އިފްތިތާހް ކޮށްފި އެވެ.
މި ޕްރޮގްރާމް އިފްތިތާހްކޮށްފައި ވަނީ ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަސް ފާހަގަ ކުރުމަށް މިއަދު ކަސްޓަމްސް ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ލިލީ އެންޓަރޕްރައިސަސްގެ ޗެއަރމަން އަހްމަދު ނާސިރު އެވެ.
މިޕްރޮގްރާމުގެ މަގްސަދަކީ މުދާ ކްލިއާ ކުރުމުގައި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް "ސެލްފް ޑިކްލަރޭޝަން" ނިޒާމެއް ގާއިމުކޮށް، ގާނޫނާއި ގަވާއިދާ އެއްގޮތަށް މުދާ އެކްސްޕޯޓްކޮށް އިމްޕޯޓް ކުރާ ފަރާތްތަކުން ހުށަހަޅާ މުދަލުގެ ޑިކްލަރޭޝަން އާއި މުދަލުގެ އަގު ކަނޑައެޅުމުގެ އިތުރުން ވިޔަފާރި ކުރާ ފަރާތްތަކާ ކަސްޓަމްސް އާ ދެމެދު އޮންނަ އިތުބާރާ ޔަގީންކަން އިތުރުކުރުމަށް "ވޮލަންޓަރީ ކޮމްޕްލަޔަންސް" އަށް ބާރުއެޅުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ދެއްކެވި ވާހަކަފުޅުގައި މުދާ ޑިކްލެއާ ކުރުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ވެލުއޭޝަންގެ ދާއިރާއިން ކަސްޓަމްސް މުވައްޒަފުންނާއި ބްރޯކަރުން ތަމްރީނު ކުރުމަށްޓަކާ އެކުލަވާލެވުނު ވެލުއޭޝަން ޓްރެއިނިންގ ކިޓް ވެސް އިފްތިތާހްކޮށްފަ އެވެ.
ކަސްޓަމްސް އެކްރެޑިޓެޑް ކްލަޔަންޓް ޕްރޮގްރާމް އިފްތިތާހް ކުރުން -- ސަން ފޮޓޯ
އެ ކިޓަކީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާ އާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް ގުޅިގެން އެކުލަވާލެވުނު ޓްރެއިނިންގ ކިޓެކެވެ.
އޭގެ އިތުރުން ކަސްޓަމްސްއަށް ޚާއްސަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަސްޓަމްސްގެ 12 އޮފިސަރަކަށް ވަނީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ދެއްވާ މެރިޓް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
ކަސްޓަމްސް އެކްރެޑިޓެޑް ކްލަޔަންޓް ޕްރޮގްރާމް އިފްތިތާހް ކުރުން -- ސަން ފޮޓޯ
ދެކުނު އޭޝިޔާގެ ހަ ގައުމަކަށް އަމާޒުކޮށް އޭޑީބީ އިން ހިންގި ޕްރޮޖެކްޓުން ހާސިލްކުރަން ކަނޑައެޅުނު ނަތީޖާ އެންމެ ފުރަތަމަ ހާސިލް ކުރި ގައުމަކީ ދިވެހިރާއްޖެ ކަމަށް އޭޑީބީ އިން ފާހަގަ ކުރިއިރު، މި ސަރަހައްދުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ލީޑު ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ވެލުއޭޝަން ސްޕްޝަލިސްޓް އިއާން ކްރެމާ ވަނީ ވިދާޅުވެފަ އެވެ.