އަބަދުވެސް ދެކެވެނީ ކޮލެސްޓްރޯލް މަތި ވުމުން ހިތުގެ ބަލިތަކަށް މަގުފަހިވާ ވާހަކަ އެވެ. ކޮލެސްޓްރޯލް އާ ގުޅޭ ގޮތުން ގިނަ މީހުންނަށް ހީވެފައި ވެސް އޮންނަނީ ހަމަ އެފަދައިންނެވެ. އެހެންނަމަވެސް އިނގޭ ހެއްޔެވެ؟

ހަށިގަނޑުގައިވާ ސެލްތައް ފަންކްޝަން ކުރުމަށާއި ސެލްތައް އުފެއްދުމުގައި ވެސް ކޮލެސްޓްރޯލް އެހީތެރިވެދެ އެވެ. އެގޮތުން ސެލްތަކުގެ މެމްބްރޭން އާއި ހޯމޯން ވެސް އުފައްދައިދެނީ ކޮލެސްޓްރޯލްގެ އެހީތެރިކަމާ އެކު އެވެ.

ތިބާ އުމުރުން ދުވަސްވާ ވަރަކަށް ވެސް ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު އިތުރުވެ އެވެ. ހާއްސަކޮށް އަންހެންނުން އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު އިތުރުވެ އެވެ. ސަބަބެއް ކަމަށް ސައިންސްވެރިން ބުނަނީ އަންހެނުންގެ ހަށިގަނޑުގައި އެސްޓްރޮޖެން މަދުވުމެވެ.

ކަމާ ބެހޭ ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ހުސް ގޮހޮރާ ހުރެ ކޮލެސްޓްރޯލް ޓެސްޓު ހެދުމަކީ ނުބައި ނުވަތަ ރަނގަޅު ނޫން ނަތީޖާއެއް ލިބިދާނެ ކަމެކެވެ. އެހެންނަމަވެސް އެކަން ޔަގީން ކުރުމަށް ޓެސްޓު ހެދުމުގެ ކުރިން ޑޮކްޓަރާ ވާހަކަ ދެއްކުން ވަރަށް މުހިއްމެވެ.

ކޮލެސްޓްރޯލް ފްރީ ކާނާގެ ސަބަބުން ވެސް ކޮލެސްޓްރޯލް މަތިވުމަށް މެދުވެރިވެ އެވެ. ކާނާގައި ކޮލެސްޓްރޯލްގެ މިންވަރު ދަށްވެ، ފެޓްގެ މިންވަރު ގިނަ ވެއްޖެ ނަމަ އެއީ މައްސަލައެކެވެ. ސަބަބަކީ ޓްރާންސް ފެޓު، ޑެއިރީ ފެޓު، ސެޗިއުރޭޓެޑު ފެޓް ހަށިގަނޑަށް އެތެރެވުމާ އެކު ކޮލެސްޓްރޯލް އަށް ބަދަލުވެގެން ދެ އެވެ.

ކޮލެސްޓްރޯލް މަތި ވުމަކީ އެހެނިހެން ބަލިތައް ޖެހުމަށް ވެސް މެދުވެރިވާ ކަމެކެވެ. ތިބާގެ ކޮލެސްޓްރޯލް މިންވަރު މަތި ނަމަ ޑައިޓު ނުކުރާށެވެ. ސަބަބަކީ ތިބާގެ ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވެފައި އެވަނީ ސަބަބަކަށްޓަކަ އެވެ. އެއީ ފަހަރެއްގައި ހަށިގަނޑުގައި އުފެދިފައިވާ ފާރުގަނޑަކާ ގުޅިފައިވާ ކަމަކަށް ވެސް ވެދާނެ ތީއެވެ.

ތިބާގެ ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަން ޖެހޭ މިންގަނޑުގައިި ހުންނަ ނަމަ ހާސްވެ ކަންބޮޑު ވާނެ ކަމެއް ނެތެވެ. ސަބަބަކީ ހަށިގަނޑަށް ނުރައްކާ ވަނީ "ކޮލެސްޓްރޯލް މަތި" ވުމުން ކަމަށް ވާތީ އެވެ.

މައުލޫމާތު: ވެލްނެސްބިން.ކޮމް