27 Jan 2016, 20:27
ތިނަދޫން: އަހުމަދު ސާއިލް އަލީ.
ގދ. ތިނަދޫއިން ކަރަންޓު ކެނޑުމުން މެދުކެނޑުނު ފެނުގެ ހިދުމަތް އަލުން ދޭންފަށައިފި އެވެ.
ތިނަދޫ ކައުންސިލްގެ މެމްބަރު ސައުދު އަލީ މިރޭ ސަން އަށް ވިދާޅުވީ، މިއަދު ހެނދުނު 9:00 ކަންހާއިރުން ފެށިގެން ފެންދޫކުރަން ފަށާފައިވާ ކަމަށާއި މިހާރު 24 ގަޑިއިރު ވަންދެން މި ރަށުން ފެނުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
"އެއްވެސް ދަތިތަކެއް ނެތި ހުރިހާ ގެއަކަށް ފެން ލިބިގެންދާނެ މިހާރު،" ސައުދު ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ އެއްކޮށް އަނދާފައިވާއިރު ވަގުތީ ގޮތުން ފެނުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.
ތިނަދޫގައި ހިނގި އެ އަލިފާނުގެ ހާދިސާއާއެކު މިރަށުގެ ގޭބިސީތަކަށް އަދިވެސް ކަރަންޓު ލިބިފައިނުވާއިރު ބައެއް ވަކިވަކި ޖަނަރޭޓަރުތައް މެދުވެރިކޮށް މުއައްސަސާތަކަށް ވަނީ ކަރަންޓް ދީފައެވެ.