27 Jan 2016, 21:03
ގދ. ތިނަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލު ގެނައުމަށްޓަކައި މިހާތަނަށް ލިބެންހުރި ހުރިހާ ޖަނަރޭޓަރެއް ލިބި އިންސްޓޯލް ކުރެވިފައިވާ ކަމަށް ތިނަދޫ ކައުންސިލުން ބުނެފިއެވެ.
ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ މިރޭ ސަން އަށް ވިދާޅުވީ ތިނަދުއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ވަގުތީ ގޮތުން ލިބެން ހުރީ އަށް ޖަނަރޭޓަރު ކަމަށާއި އެޖަނަރޭޓަރުތައް ރަށަށް ގެނެސް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ގެނެސްފައިވާ ޖަނަރޭޓަރު ތަކާއި ހިދުމަތްދޭގޮތް:
ފެންޕްލާންޓަށް ޚިދުމަތް ދިނުމަށް 160 ކިލޯވޯތުގެ ޖަނަރޭޓަރެއް ދަނީ ހިންގަމުން.
- ތިނަދޫ ކޯޓާއި އަބޫބަކުރު ސުކޫލާއި ޔުނިވާސިޓިގެ ކެމްޕަހާއި ބީއެމްއެލްއަށް ކަރަންޓު ދިނުމަށް 125 ކިލޯގެ ޖަނަރޭޓަރެއް ދަނީ ބޭނުންކުރަމުން.
- ދިރާގުގެ އެހީގައި 75 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން ހޮސްޕިޓަލުގެ ބައެއް ސެކްޝަންތަކަށް ދަނީ ކަރަންޓު ދެމުން.
- އުރީދޫގެ އެހީގައި 10 ކިލޯ ވޮޓުގެ ޖަނަރޭޓަރެއް ހޮސްޕިޓަލުގައި ވަނީ ދީފަ.
- އިތުރު 125 ކިލޯވޯޓުގެ ޖަނަރޭޓަރަކުން ވެސް ދަނީ ހޮސްޕިޓަލްގެ ބައެއް ސެކްޝަންތަކަށް ކަރަންޓު ދެމުން.
- އަދި އިތުރު 50 ކިލޯވޮޓުގެ ޖަނަރޭޓަރަކުން ވެސް ސްޕިޓަލްގެ ބައެއް ސެކްޝަންތަކަށް ދަނީ ކަރަންޓު ދެމުން.
- އެނދި އިންޖީނުގޭ ސަރަހައްދުގައި 18 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބަހައްޓައިގެން ދަނީ ކަރަންޓު ދެމުން.
- ކައުންސިލްއިދާރާގައި އަށް ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން ދަނީ ކަރަންޓު ދެމުން.
ސައުދު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ ގއ.ކޫއްޑޫއިން 250 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެނެސް ހޮސްޕިޓަލްގައި މިހާތަނަށް ކަރަންޓު ނުދެވި ހުރި ތަންތަނަށް އެޖަނެރޭޓަރުން ކަރަންޓު ދިނުމަށް ކަމަށެވެ.
ތިނަދޫ އިންޖީނުގޭގައި މިދިޔަ ހޯމަ ދުވަހުގެ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއާއެކު އެއިންޖީނުގޭ ވަނީ އެއްކޮށް އަނދާހުލިވެފައެވެ. ވަކިވަކި ޖަނަރޭޓަރުތައް ބޭނުންކޮށްގެ ބައެއް މުއައްސަސާތަކަށް ކަރަންޓުގެ ޚިދުމަތް ދެމުންއައިނަވެސް ގޭ ބިސީތަކަށް އަދި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ.