28 Jan 2016, 08:45
ދާދި ފަހަކާ ޖެހެންދެން އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކައަކީ ދިވެހި އެތުލީޓަކު 24 ގަޑިއިރު ވަންދެން ހުއްޓާނުލާ ދުވަން އުޅުނު ވާހަކައެވެ. އެކަން ކާމިޔާބު ވެދާނެކަމާ މެދު އެތައް ބަޔަކު ދިޔައީ ސޯޝަލް މީޑިއާގައި ވެސް ފާޑު ކިޔަމުންނެވެ. ނަމަވެސް އެމްވީ 50 އަލްޓްރާ ރަންސްގައި ރާއްޖޭގެ ދުވުންތެރިއާ އަހްމަދު އާތިފް (އާތި) 24 ގަޑިއިރު ހިތްވަރާ އަޒުމާއެކު އެ ދުވުން ނިންމާލިތަން ފެނުމުން އެތައް ބަޔަކު އެކަމަށް ތައުރީފުގެ ބަސްތައް ބަންޑުންކުރަމުން ދިޔައެވެ. މިފަހަރު ވެސް ކުރިމަތިވެފައި މިއޮތީ ހަމަ އެފަދަ ކަމަކާ އެވެ. ށ. ފޭދުއަށް އުފަން އަބްދުލްޣަފޫރު އަލީ (ގައްބެ) ނުކުންނަނީ ކަޓަމަރާނެއްގައި ރާއްޖެ ވަށައި 23 ދުވަހުން ބުރެއް ޖެހުމަށެވެ.
އެންމެ ކުޑައިރުންސުރެ ރާޅާއެޅުން ފަދަ މޫދުގެ ކުޅިވަރުތަކަށް ޝައުގު ހުންނަ ގައްބެ އަކީ ސެއިލް ކުރުމުގައި ނުވަތަ ރިޔަލުގައި ދަތުރު ކުރުމުގެ ފުރިހަމަ ހުނަރު އަމިއްލަ މަސައްކަތުން ހާސިލްކޮށްފައިވާ މީހެކެވެ. ކުޑައިރު ގެޔަށް އަންނަ އިރު ތެމިފައި ހުރެއްޖެ ނަމަ އެވާނީ ރައްޓެއްސަކު އޭނާ މޫދަށް ވައްޓާލީ ކަމަށެވެ. ނަމަވެސް އަމިއްލައަށް މޫދަށްގޮސް ރާޅާ އަޅައިގެން ކަންކަން ދަސްކުރުމަކީ ގައްބެ މިއަދު ބޮޑު ދަތުރަކަށް ނުކުންނަން ލިބުނު ހިތްވަރުގެ އަސްލެވެ.
މި އާދަޔާ ހިލާފް ދަތުރަށް ގައްބެ ނައްޓާލަން ކުޑަ ވަގުތުކޮޅަކަށް ވެފައިވާ އިރު، ގައްބެ ޝުއޫރުތައް ހުރިގޮތެއް މިއަދު އެލިއާ ބިލްޑިންގުގައި ގައްބެ ނޫސްވެރިންނާ ހިއްސާކުރި އެވެ. އެކަނިމާއެކަނި ކަޓަމަރާނެއްގައި ރާއްޖެ ވަށައިގެން ކުރާ އެ ދަތުރަށް ގައްބެ މިހާރު ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ގައްބެ ބުނި ގޮތުގައި ދަތުރަށް ފިޒިކަލީ ތައްޔާރުވުމުގެ ގޮތުން އޭނާ މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"މިހާރު ވެސް ކޮންމެ ދުވަހަކު ގަވާއިދުން ފެތުން ފަދަ ކަންކަން ކުރަން. ދުވެ ކަސްރަތު ކުރަން. ޖިމަށް ވެސް ކޮންމެވެސް ވަރަކަށް ދަން. އަނެއްހެން ބުނަންޏާ މިހާރު ގައްބެ މިހުރީ ހަމަ ވަރަށް ފުރިހަމައަށް ދަތުރަށް ރެޑީވެފައި. އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބު ކުރާނަން،" ގައްބެ ބުންޏެވެ.
ރިޔަލުގައި ކުރާ އެ ދަތުރުގައި މިމަހު 31 ވަނަ ދުވަހު ގައްބެ މާލޭގެ އެއްނަންބަރު ފާލަމުން ފުރާނެ އެވެ. އެ ދަތުރުގައި ގައްބެ ރާއްޖޭގެ 23 ރަށަކަށް މަޑުކުރާނެ އެވެ. ނަމަވެސް އެ ރަށްތަކެއް ގައްބެ ހާމައެއް ނުކުރެ އެވެ. ގައްބެ ބުނީ ވާރޭ ވެހުނު ނަމަވެސް ކޮޅިގަނޑެއްގައި ނުޖެހޭހާ ހިނދަކު އޭނާ އަށް ދަތުރުކުރެވޭނެ ކަމަށެވެ.
"މޫސުން ގޯސްވެދާނެ.. އަޅުގަނޑު ހެއްދެވި ފަރާތަށް، މޫސުމަށް އަޅުގަނޑު ވަރަށް އިހުތިރާމް ކުރަން. އެހެންވީމަ އަޅުގަނޑު ގަދަވެލާފަ މޫސުމާ ދެކޮޅަށް މި ދަތުރު ކޮންޓިނިއު އެއް ނުކުރާނަން. އެކަމަކު ވިއްސާރަ ވެހުނަސް ދަތުރު ހަމަ ކުރިއަށްދާނީ،" ވަރުގަދަ އަޒުމެއްގައި ހުރި ގައްބެ އޭނާގެ ދަތުރާ ގުޅޭގޮތުން ކިޔާދިނެވެ.
ގައްބެ ވަނީ، މީގެ 15 ވަރަކަށް އަހަރު ކުރިން ވެސް މިފަދަ ތަޖްރިބާއެއް ކޮށްފައެވެ. އެފަހަރު އޭނާ ދަތުރުކުރީ ރާއްޖެ ވަށައި ބުރެއް ޖެހުމަކަށް ނޫނެވެ. ހަމަ ކަޓަމަރާނެއްގައި، 15 ދުވަހުގެ އެ ދިގު ދަތުރުގައި އޭނާ ދިޔައީ ރާއްޖޭން ބޭރަށެވެ. އެ ދަތުރު ގައްބެ ދިޔައީ ރާއްޖޭން ފުރައިގެން ސީޝެލްއަށެވެ. އެކަމަކު އެކަންޏެއް ނޫނެވެ. އިތުރު މީހަކާއެކު އެވެ.
ގައްބެގެ މިފަހަރުގެ ދަތުރު ވަރަށް ތަފާތެވެ. އެކަނިމާއެކަނި ގައްބެ ކުރާ މި ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރާ ދަތުރެކެވެ. މޫދާއި ކަނޑު ވަށައިގެން ވާ ގުދުރަތީ ރީތިކަމުން މުއްސަނދިވެފައިވާ މި ގައުމު އިޝްތިހާރު ކުރުމަށެވެ. މިކަމުގައި ގައްބެ ބޭނުންވަނީ އެންމެންގެ ވެސް އެއްބާރުލުމެވެ. ގައްބެ ބުނިގޮތުގައި އޭނާ ދަތުރުކުރަނީ އެކަނިމާއެކަންޏެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ވެސް އެކީގަ އެވެ.
އެހެންކަމުން ގައްބެގެ އޮޑީގެ ރިޔަލުގައި ވައި އަޅުވާލައި، ހަލުވި ދުވެއްޔެއްގައި ގޮސް ދަތުރު ނިންމާލުމަށް ހުރިހާ ދިވެހިން ގައްބެއާ އެކުގައި ވަމާތޯއެވެ.