ތިނަދޫން: އަހުމަދު ސާއިލް އަލީ

ތިނަދު އަށް މިއަދު އަރައިގެން އައި އިރު މުޅި ރަށުން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ.ގޭގޭތެރެއިން މުޅިންހެން އަޑުއިވެމުން ދިޔައީ ކުޑަކުޑަ ކުދިންގެ ރުއިމުގެ އަޑެވެ. މީހުންގެ މޫނުތަކުން ފެންނަމުން ދިޔައީ ކަންބޮޑުވުންތަކެވެ. ކޮންމެ މީހަކު ވެސް މަސައްކަތް ކުރަމުން ދަނީ އޭނާ އާއި އޭނާގެ އާއިލާއަށް ދިމާވެފައިވާ ދަތިކަމުގެ ތެރެއިން ސަލާމަތްވާނެ ގޮތެއް ހޯދުމަށެވެ. ބޮޑެތި ކަންބޮޑުވުންތަކާ އެކު އެވެ. ތިނަދޫ އިންޖީނުގޭގައި ރޯވެ އެނދި ފަހުން މިރަށް މިވަނީ ކަންބޮޑުވުމާއި މާޔޫސްކަމެއްގެ ތެރޭގަ އެވެ.

"ވަރަށް އުނދަގޫ ނުވެސް ނިދޭ،"މިހާރު އުޅޭ ހާލުކިޔައިދެމުން އުމުރުން ހަތް އަހަރުގެ އައިމިނަތު އައިކާ ޝިފާއު ބުންޏެވެ.

އެއާކޮންޑިޝަންގެ އަރާމުގެ ފިނީގައި ނުވަތަ ފަންކަލުގެ ފިނީގައި ލޯބިން ބޮޑުކުރަމުން އައި ލޮލުގެ ކޮއިފަދަ ދަރިން އެންމެ ބޮޑު ޝަކުވާއަކީ ވާހޫނެވެ. މިހާލަތަށް އެކުދިން ތައްޔާރެއް ނޫނެވެ. މިއީ އެކުދިންނަށް ކެތްކުރެވޭވަރުގެ ކަމެއް ނޫނެވެ.

ސަންގެ ނޫސްވެރިން މިރަށަށް އައުމުން ފުރަތަމަ ވެސް ފާހަގަވެފައި ވަނީ ރައްޔިތުންގެ ކަންބޮޑުވުން ތަކެވެ. މައިންބަފައިން ދަރިންގެ އަސާސީ ހިދުމަތްތައް ދެވޭނެ ގޮތަކަށް ކަންބޮޑުވުމާ އެކު މަސައްކަތް ކުރާ މަންޒަރު ނޫން މަންޒަރެއް ނުފެ އެވެ. ހޫނުވާތީ ޝަކުވާ ނުކުރާ ކުޑަކުއްޖަކާ ދިމައެއްނުވެ އެވެ.

"ކުދިންނަށް އަދި ވަރަށް ދަތިވާނެ ނޫންތޯ، އަޅުގަނޑުމެން ގޭގައި ވެސް ދެ ބެއިން ތިބޭ އިރު ނުވެސް ނިދާ އުޅެނީ، ހޫނުވާތީ އަބަދު ޝަކުވާ ކުރަނީ." 10،000 މީހުންގެ އާބާދީއެއް އޮންނަ ތިނަދޫ އަބްދުއްލަތީފު އޭނާގެ ދަރިން އުޅޭ ދަތި ހާލު ބަޔާން ކުރަމުން ބުންޏެވެ.

ގެއެއްގެ ބަދިގެތެރެ: ކައްކައި ކެއުމަށް ވެސް އުނދަގޫވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ ޝަކުވާއާ ހުރެ ދުވާހުގެ ގިނަ ވަގުތުތަކެއްގައި މައިންބަފައިން އެކުދިން ގޮވައިގެން އުޅެނީ ވައިޖެހޭ ހިސާބުތަކުގަ އެވެ. ކުރިން ލިބެމުން އައި އޭސީގެ ފިނިކަން ނުލިބުމުގެ އިތުރަށް ރޭގަނޑުގެ އަނދިރިކަމުން އެކުދިން ގަންނަ ބިރު ވެސް ވަކި ކުޑެއެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ރޭގަނޑުގެ ގިނަ ވަގުތު އެކުދިން ހޭދަކުރަނީ ނުނިދަ އެވެ.

ޖޯޝާ ފޯރީގައި އުޅޭ ޒުވާނުންގެ މޫނުތަކުން ވެސް އުފާވެރި ކަމެއް އިހުސާސްއެއްނުފެނެ އެވެ. ކޮފީ މޭޒްމަތި އަނދިރިވުމުގެ އިހުސާސް އެވެ.

"ދެން ވަރަށް އުނދަގޫވާނެތާދޯ، މީގެ ކުރިން ގިނަވަގުތު އަހަރެމެން ތިބެނީ ފޯނާ ކުޅެލަކުޅެލާ، އެކަމަކު ފޯންޗާޖު ކުރަން އުޅެން ޖެހޭ ހާލުން އެކަމެއް ވެސް ނުވޭ." ތިނަދޫއަށް ނިސްބަތްވާ ޒުވާނަކު ބުންޏެވެ.

އަނދިރިކަން ވެރިވެފައިވާ ތިނަދޫ ފިހާރައަކުން ބަޔަކު މިރޭ ވިޔަފާރި ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަށު ތެރެއަށް ބަލާ އިރު މުޅިންހެން ފެންނަމުން ދަނީ އަނދިރި ކަމެވެ. އިވޭ އަޑުތައް ނުހިމެނޭ ގޮތަށް ބަލާ ނަމަ ފަޅުރަށެކޭ ބުނެވޭނެ ހާލަތަށް ރަށުގެ ބައެއް ހިސާބުތަކުގެ ކަންކަން ވަނީ ގޮސްފަ އެވެ. އެހިސާބުތަކުން މީހެއްގެ އަޑެއް ބަޑެއް ނީވޭތާ މަގުތަކުގެ އަނދިރިކަމުން ހިނގާ ބިނގާވެ އުޅެން ވެސް ދައްޗެވެ.

ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ ވިދާޅުވި ގޮތުގައި ފެނަށްޖެހި އެފަދަ ހާލަތަކަށް އެރަށުގެ ކަންކަން ގޮސްފައިނުވާތީ ރަށުގެ ލާހަތު ގޯހަކަށް އަދި ނުދެ އެވެ. ނަމަވެސް ކަރަންޓު ނެތި ޒަރޫރީ ބޭނުންތައް ނުފުއްދިފައިވާތީ ކަންބޮޑުވުންތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި މައްސަލައަކީ ގެތަކަށް ކަރަންޓް ނުލިބޭކަން، ޒަރޫރީ ބޭނުންތައް ހުންނާނެތާ ކަރަންޓާ ލައިގެން ކުރަންޖެހޭ ކަންކަން،" ސައުދު ވިދާޅުވި އެވެ.

ކައިރި ރަށްރަށުން ޖަނަރޭޓަރުތައް ގެނެސް ތިނަދޫ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޖަނެރޭޓަރުތައް ގެނެސް ފެންޕުލާންޓަށް ކުރަންޓް ދިނުމާއި ބެންކް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

ވަކިގަޑިތަކަކަށް ބަހާލައިގެން ފެންޕުލާންޓުން ފެން ދޫކުރަމުންދާ އިރު ޖަނަރޭޓަރު އޮޕަރޭޝަންއަށް ގެނެސް އަވަސް މުސްތަގުބަލެއްގައި 24 ގަޑިއިރު ފެން ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ތިނަދޫ ކައުންސިލްއިން ބުނެ އެވެ. ނަމަވެސް މިރޭ ވެސް ނިދަންޖެހޭނީ ރެއާ އެއްފަދައިން ފުޅި ބައްތީގައި ކަމަށް ކައުންސިލްއިން ބުނެ އެވެ.

ތަފާތު އެކި ފަރާތްތަކުގެ އެހީއާއެކު ވެސް ދަތިތަކާ އެކު ތިނަދޫ ރައްޔިތުންގެ އަސާސީ ހިދުމަތްތައް ހޯދަމުންދާ އިރު އުފެދޭ ސުވާލަކީ މިހާލަތުގައި އުޅެން ޖެހޭނީ ކިހާ ދުވަހެއް ވަންދެންތޯ އެވެ. ގދ. ތިނަދޫގެ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ އިންޖީނުގޭގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާ އިން އަރައިގަނެ ރަށުގެ ރައްޔިތުންނަށް ދާއިމީކޮށް ކަރަންޓު ފޯރުކޮށް ދެވޭނީ ދެ މަސް ފަހުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެ އެވެ.