27 Jan 2016, 19:07
އިންޖީނުގެ އަނދައި ހުލިވި ހާދިސާއަށްފަހު ހާލުގައި ޖެހިފައިވާ ގދ. ތިނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ ކުންފުނި، ދިރާގުން ތިނަދޫގައި ދިރިއުޅޭ ރައްޔިތުންނަށް ހިލޭ ގުޅޭ ހާސަ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.
ތިނަދޫ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިރާގުން މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ތައާރަފްކުރި ހާއްސަ ޕެކޭޖުގައި ހިމެނެނީ، 500 މިނިޓްގެ ފްރީ ޓޯކްޓައިމް އާއި 1 ޖީބީ ފްރީ ޑޭޓާ އެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް "ސަން"އަށް މިއަދު ވިދާޅުވީ، މި ހާއްސަ ޕެކޭޖަކީ، "ތިނަދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ދަތި އުނދަގޫ ހާލަތުގައި ގުޅަން ބޭނުންވާ ގުޅުންތަކަށް އެހީތެރިވުމަށްޓަކައި ދިރާގުންދޭ ހާއްސަ އެހީއެއް،" ކަމަށެވެ.
އިމްޖާދު ވިދާޅުވީ، ތިނަދޫގައި ދިރާގުގެ ފަރާތުން ހާއްސަ އޮޕަރޭޝަން ސެންޓަރެއް ގާއިމްކޮށްގެން އެރަށުގެ ރައްޔިތުންނަށް އެހީތެރިވެ ދިނުމަށްޓަކައި މިހާރުވެސް މެދުނުކެޑި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވެސް ވާނީ ތިނަދޫ ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތެއްގައި އެބޭފުޅުންގެ މޯބައިލް ފޯނުތައް ޗާޖްކުރެވޭނޭ މަގު ފަހިކޮށްދީފައި. އަދި އޭގެ އިތުރުން ގޭގެއަށް ބޭނުންކުރުމަށް ހާއްސަ ބައްތިތަކަކާއި ބޯފެނާއި އެނޫންވެސް ތަފާތު އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން މިދަނީ،" އިމްޖާދު ވިދާޅުވިއެވެ.
ދިރާގުން ވަނީ، ތިނަދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުވަންދެން އެރަށުގައި ބޭނުންކުރުމަށް 75 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހަދިޔާކޮށްފައެވެ.
ތިނަދޫގެ ހާލަތު ކަވަރުކުރުމަށް ރާއްޖޭގެ އެކިއެކި މީޑިއާތަކުން އެރަށަށް ގޮސްތިބި ނޫސްވެރިންނަށް މަސައްކަތުގެ ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ، އެ ކުންފުނިން ތިނަދޫގައި ގާއިމުކޮށްފައިވާ އެހީގެ މަރުކަޒުގައި ހިލޭ އިންޓަނެޓް ބޭނުންކުރެވޭނޭ އިންތިޒާމްވެސް ހަމަޖައްސައިދީފައެވެ.