27 Jan 2016, 19:45
ގދ. ތިނަދޫން އަހުމަދު ސާއިލް އަލީ.
ގދ. ތިނަދޫގައި ދިރިއުޅޭ އަންހެން ކުއްޖަކަށް ނުވަތަ ފިރިހެން ކުއްޖަކަށް ނުވަތަ ރައްޓެއްސަކަށް ނަމަވެސް ހަދިޔާއެއް ދޭން ބޭނުންތޯ؟ ވަރަށް ހެޔޮއަގުގައި މިރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ހަދިޔާދެވިދާނެއެވެ. އެއީ އުށްބައްތިއެވެ.
"އަސްލު އެންމެ ބޭނުމީ ކަރަންޓް ލިބުން، ދެން މިހާރަށް އެންމެ ބޭނުން އެއްޗަކީ އުށްބައްތި،" ތިނަދޫގެ ޒުވާނަކު ބުންޏެވެ.
ތިނަދޫގެ އެކި އުމުރުފުރައިގެ އެންމެންވެސް ތިބީ ކަރަންޓު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. މިދުވަސްވަރު މިރަށު މީހުންނަށް އެހެން ފަރާތްތަކުގެ އެހީތައް ވަރަށްވެސް މުހިންމެވެ. ކަރަންޓު ނެތް ދުވަސްވަރު މިރަށު ރައްޔިތުންނަށް އެންމެ ބޮޑު ދަތިކަމަކާއި ކުރިމަތިވަނީ ރޭ ގަނޑުގެ އަނދިރި ވަގުތުތަކުގައެވެ. އެހެންކަމުން މިރަށު ރައްޔިތުން އެންމެ ބޭނުންވާ އެކަށްޗަކަށް މިހާރު ވެފައިވަނީ އުށްބައްތިއެވެ.

ގދ. ތިނަދޫ ރައްޔިތުންނަށް އުށްބައްތި ބެހުމުގައި އެރަށުގެ އެކި ފަރާތްތަކުން ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ
ތިނަދޫއަށް ކަރަންޓުގެ މައްސަލަ ކުރިމަތިވުމާއެކީ މިރަށު ފިހާރަތަކުން އެންމެ ގިނައިން ވިކުނު އެއްޗަކަށްވެސް ވެގެންގޮސްފައިވަނީ އުށްބައްތިއެވެ. އެއާއެކު މާގިނައިރެއްނުވެ މިރަށުން އުށްބައްތި ހުސްވެގެންދިޔައެވެ. ދެން މިރަށު ރައްޔިތުން އުށްބައްތި ލިބޭނެ އެހެން ގޮތެއް ހޯދަން ފެށިއެވެ. އެގޮތުން ކައިރި ރަށްރަށުން އުށްބައްތި ގަނެ މިރަށަށް ގެންނަން ފެށިއެވެ. އެވަރުންވެސް މިރަށަށް ބޭނުންވާ ވަރަށް އުށްބައްތި ނުލިބުނެވެ. ކައިރި ރަށްރަށުންވެސް އުށްބައްތި ހުސްވެގެންދިޔައީއެވެ.

ގދ. ތިނަދޫ ޒުވާނަކު ސަންއާ ވާހަކަދައްކަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ
ކަރަންޓަށް ޖެހިފައިވާ މިހާލަތުގައި ތިނަދޫގައި ވަރަށްވެސް އުފާވެރި މަންޒަރުތަކެއް ދަނީ ފެންނަމުންނެވެ. އެއީ ތަނަވަސް ފަރާތްތަކުން މާލެއިން މިރަށަށް އުށްބައްތި ގެނެސް ވަކި މީހެއް ތަފާތު ކުރުމެއްނެތި އެންމެނަށް އުށްބައްތި ބެހުމެވެ.
މިރަށު ރައްޔިތުންނަށް އުށްބައްތި ބެހުމުގެ މަސައްކަތް އެންމެ ގަދަޔަށް ކުރާ އެއް ފަރާތަކީ މިރަށުގެ ފޯނު ފިހާރަ އީޒީ މޯބައިލްގެ ވެރިޔާ މުހައްމަދު ނަދީމުއެވެ. ނަދީމު މިއަދުވެސް ވަނީ 200 އެއްހާ އުށްބައްތި މިރަށުގެ ރައްޔިތުންނަށް ބަހާފައެވެ. ނަދީމު ވިދާޅުވާގޮތުގައި ކަރަންޓުގެ މައްސަލަ ހައްލުވަންދެން އޭނާ އުށްބައްތި ބަހާނެއެވެ.

ގދ. ތިނަދޫ ރައްޔިތުންނަށް އުށްބައްތި ބެހުމުގައި އެރަށުގެ އެކި ފަރާތްތަކުން ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ
"އެކި ފަރާތްތަކުން ހަދިޔާ ކުރާ އުށްބައްތި މިދަނީ ބަހަމުން، ކުރިއަށްމިއޮތް ދުވަސް ތަކުގައިވެސް އުށްބައްތި ބަހާނަން." ނަދީމު ވިދާޅުވިއެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ވެސް ވަނީ އޭނާގެ ދާއިރާގެ ކޮންމެ ގެއަކަށް އުށްބައްތި ފޮއްޓެއް ހަދިޔާކުރައްވައިފައެވެ.
މިރަށަށް ގިނަ ފަރާތްތަކަކުން ދަނީ އުށްބައްތި ފޮނުވަމުންނެވެ. މިރަށަށް ނިސްބަތްވާ މާލޭގައި ދިރިއުޅޭ އެތައް ފަރާތްތަކަކުން ދަނީ ބަހަން އެރަށަށް އުށްބައްތި ފޮނުވަމުންނެވެ. ގދ. ކާޑެއްދުއަށް އަންނަ މޯލްޑިވިއަންގެ ކޮންމެ ފުލައިޓަކުން ހެން މިރަށަށް ބެހުމަށް އުށްބައްތި ފޮނުވައެވެ.

ގދ. ތިނަދޫ ތުއްތު ކުއްޖަކާ ސަންގެ އެސިސްޓެންޓް ނިއުސް އެޑިޓަރު އަހްމަދު ސާއިލް އަލީ އިންޓަވިއުކުރަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ
އުށްބައްތީގެ ޑިމާންޑް ބޮޑުވެފައިވާއިރު ސާފުތެޔޮ ނުވަތަ ކަރާސީނުގެ ޑިމާންޑްވެސް އޮތީ މިރަށުގައި ބޮޑުވެފައެވެ. އެކިތަކެތި ބޭނުންކޮށްގެން މިރަށުގައި ބައްތި ތައްޔާރު ކުރަމުން އަންނައިރު އެ ބައްތިތައް ދިއްލުމަށް ބޭނުންވާ ސާފުތެޔޮ ބެހުމުގެ މަސައްކަތުގައި ބުރަކޮށް ހަރަކާތްތެރިވަމުން ދަނީ ކިޔަވާ ކުދިންނެވެ. އުށްބައްތީގެ އިތުރުން ފާނޫޒު ފަދަ ތަކެތިވެސް އެތައް ބަޔަކު މިރަށަށް ގެންނަމުންދާކަން ފާހަގަވެއެވެ.
ތިނަދޫ މިއަދު މިވަނީ އެތައް ފަރާތްތަކުގެ އެހީއަށް އެދޭ ހާލަތުގައެވެ. ގާތްގަނޑަކަށް 10000 އެއްހާ ރައްޔިތުން ނިސްބަތްވާ މިރަށަށް އަލިކަމެއް ފޯރުކޮށްދިނުމަށް މާބޮޑު ހަރަދެއް ކުރާކަށް ނުޖެހެއެވެ. ހެޔޮ އަގުގައި ގަންނަން ލިބޭ އުށްބައްތިއަށް މިވަނީ ބޮޑު ޑިމާންޑެއް ލިބިފައެވެ. ތިނަދޫ ރައްޔިތުން އެންމެ ބޭނުންވާ އެކައްޗަކަށް ވެފައި މިވަނީ އުށްބައްތިއެވެ.