27 Jan 2016, 20:23
މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި 1-0ގެ ނަތީޖާ އަކުން ގދ. ފަރެސްމާތޮޑާ ބަލިކޮށް ސ.ފޭދޫ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
އައްޑޫ ސިޓީގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ލިބުނީ މަދު ފުރުސަތެކެވެ.
ފުރަތަމަ ހާފްގައި ފޭދޫ ޓީމުން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ އުފައްދާފައިވަނީ އެ ޓީމުގެ އަލީ ސާރީފް އެވެ. ފަރެސްމާތޮޑާ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ އޭނާ ފޮނުވާލި ހަމަލާ، އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފަރެސްމާތޮޑާގެ ކީޕަރު ވަނީ ހުށިޔާރު ކަމާ އެކު ދިފާއު ކޮށްފައެވެ.
ފުރަތަމަ ހާފްގައި ފަރެސްމާތޮޑާ އިން ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. އެޓީމުގެ ނީޒާމް ފޭދޫ ގޯލު ކުރިމައްޗައް ނަގައިދިން ހުރަސް ފަރެސްމާތޮޑާގެ ލަންކާ ފޯވާޑް ޖަނަކަ ބޮލުން ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.
ދެވަނަ ހާފް ފެށިގެން ފަރެސް މާތޮޑާގެ އިހްސާން އަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން ގައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރު ސަމްވީލް ގާސިމް (ބޮންޑާ) މެދު ރޮނގު މަތިން ފޮނުވާލި ބޯޅަ އިހްސާން ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
އަމިއްލަ ރަށުގައި ކުޅެމުން ދިޔަ ފޭދޫ ޓީމުން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅު ކޮށް ފަރެސް މާތޮޑާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓްގައި ފޭދޫގެ އިބްރާހިމް މަހްދީ ހުސައިން ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑް ނަގައިދީފައެވެ. އޭނާ އެ ގޯލު ކާމިޔާބް ކުރީ ފަރެސްމާތޮޑާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ކީޕަރު ވެސް ބީޓް ކޮށްފައެވެ.
ފޭދޫ އިން ގޯލެއް ކާމިޔާބް ކުރުމާ އެކު ފަރެސްމާތޮޑާއިން ވަނީ އެމީހުންގެ މުޅި ޓީމު ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސަތްކަތް ކޮށްފައެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވިއިރު ފަރެސްމާތޮޑާއަށް ވަނީ ފޭދޫގެ ގޯލު ފޫއަޅުވާލެވޭނެ ގޮތް ނުވެފައެވެ.
މެޗު ނިމުމުން ޗެމްޕިއަންކަން ހޯދި ފޭދޫ ޓީމަށް މުބާރާތުގެ ޓްރޮފީއާއި މެޑްލް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހްމާން ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް އެވެ.