28 Jan 2016, 09:07
ނިއު ޔޯކް (ޖެނުއަރީ 27):ދުނިޔޭގެ ތިން ބައި ކުޅަ އެއްބައި ނުވަތަ 2.6 ބިލިއަން މީހުން ދިރިއުޅެނީ ކޮރަޕްޓުވެފައިވާ، އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރާ، މިނިވަންކަމެއްނެތް ގައުމުތަކުގައިކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމެރިކާގެ ގްރޫޕެއް ކަމަށްވާ ފްރީޑަމް ހައުސްއިން ބުނެފި އެވެ.
ރެފިއުޖީންނަށް އިހާނެތިކޮށް ހިތުމާއި، ސަރުކާރާ ދެކޮޅަށް ހިޔާލު ފާޅުކުރާ މީހުންނާ މެދު ފިޔަވަލު އެޅުމާއި އެހެން ގައުމުތަކުގެ މީހުންނާ މެދު ތަފާތު ކުރުމާއި ޓެރަރިސްޓު ހަމަލާތައް ގިނަ އަހަރެއްގެ ގޮތުގައި ފާހަގަ ކުރެވުނު 2015 ވަނަ އަހަރު ވެގެން ދިޔައީ ދުނިޔޭގެ ގައުމުތަކުގައި މިނިވަންކަން ކުޑަވަމުން އަންނަތާ 10 ވަނަ އަހަރު ކަމަށް ފްރީޑަމް ހައުސް އިން ބުންޏެވެ.
އެގައުމެއްގައި ސިޔާސީ ހައްގުތަކާއި މަދަނީ މިނިވަން ކަމަށް އިސްކަންދޭ މިންވަރަށް ބަލާއިރު، މިނިވަން ގައުމުތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ 86 ގައުމު ކަމަށް އެރިޕޯޓުގައިވެ އެވެ. އަދި މިނިވަންކަން ކޮންމެވެސް މިންވަރަކަށް އޮތް 59 ގައުމާއި މިނިވަންކަން އެއްވެސް ވަރަކަށް ނެތް ކަމަށް ފާހަގަ ކުރެވޭ 50 ގައުމު ވާކަމަށް ރިޕޯޓުގައިވެ އެވެ.
މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ގައުމުތަކެވެ. އޭގެ ތެރެއިން މިނިވަންކަމުގެ ހާލަތު އެންމެ ދަށް ކަމަށް ފާހަގަކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ ސީރިޔާއާއި ޓިބެޓާއި ސޯމާލިއާ އެވެ.
މީގެ އިތުރުން ރައްޔިތުންނަށް އޮންނަ މިނިވަންކަން އިތުރުވި 43 ގައުމެއްވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސްރީ ލަންކާ އާއި ބުރްކިނޯ ފާސޯ އާއި މިޔަންމާ އާއި ނައިޖީރިއާ ހިމެނެ އެވެ. (ރޮއިޓާސް)