ޓޫރިސްޓް ހިދުމަތްދޭ ތަންތަނުންނާއި އެ ތަންތަނުން ވިއްކާ ތަކެތިން ނަގާ ޓީ ޖީއެސްޓީ ފެބުރުއަރީ މަހު ލިބުނު ވަރު ޖެނުއަރީ މަހަށްވުރެ އަށް ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

މިދިޔަ ޖެނުއަރީ މަހުން ޓީޖީއެސްޓީ ނަގަން ފެށި ފަހުން މީރާ އިން އާންމު ކުރި ފެބުރުއަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މަހު ޓީ ޖީއެސްޓީގެ ގޮތުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނީ 6.6 މިލިއަން ޑޮލަރެވެ. އެއީ ޖެނުއަރީ މަހު ލިބުނު 7.2 މިލިއަން ޑޮލަރަށް ވުރެ ގާތްގަނޑަކަށް ހަލައްކަ ޑޮލަރު މަދު އަދަދެކެވެ.

މީރާ އިން ބުނީ ޓީ-ޖީއެސްޓީގެ ގޮތުގައި ފެބުރުއަރީ މަހު ލިބުނު އަދަދު ދަށަށް ދިޔައީ ޓޫރިސްޓު ރިސޯޓްތަކުން ވިއްކި ތަކެއްޗާއި ހިދުމަތުގެ އަގު ޖެނުއަރީ މަހާ އަޅާބަލާ އިރު ދަށަށް ގޮސްފައިވާތީ ކަމަށެވެ.
"ފެބްރުއަރީ މަހުގެ ޖީއެސްޓީގެ ގޮތުގައި ލިބޭނެ މިންވަރު ދަށްވާނެ ކަމަށް ކުރިން ވެސް ލަފާކުރެވުނެވެ،" މިރާ އިން އާދިއްތަ ދުވަހު އާންމު ކުރި ބަޔާނެއްގައިވެ އެވެ.

އަދި މާޗް މަހު ވެސް ޓޫރިސްޓު ހިދުމަތް ދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގު ބޮޑުނުވާނެތީ ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ވެސް މިރާ އިން ބުންޏެވެ.

ނަމަވެސް ޖެނުއަރީ މަހު ރާއްޖެ އައި ޓޫރިސްޓުންނަށް ވުރެ ފެބުރުއަރީ މަހު ރާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވަނީ ނުވަ ޕަސެންޓް މަތިވެފަ އެވެ. އެއީ ޖެނުއަރީ މަހު 79459 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ އިރު ފެބްރުއަރީ މަހު 87106 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.

ޓީޖީއެސްޓީގެ ގާނޫނަށް މި އަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފެށުމުން މިހާރު ޓޫރިސްޓް ހިދުމަތް ދޭ ކޮންމެ ތަނަކުން 3.5 ޕަސެންޓް ޓެކުހެއްނަގަ އެވެ.
މި އަހަރު ޓީޖީއެސްޓީ، ގޮތުގައި 77.8 މިލިޔަން ޑޮލަރު، ނޫނީ އެއް ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް މީރާ އިން އަންދާޒާ ކޮށްފައިވެ އެވެ.