27 Jan 2016, 21:42
ކުނި މެނޭޖު ކުރުމާ ގުޅޭ ގޮތުން އަތޮޅު ފެންވަރުގައި މައުލޫމާތު ދިނުމުގެ މަހާސިންތާއެއް ފ. އަތޮޅުގައި ފައްޓައިފި އެވެ.
ފ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން "ސާފު ރާއްޖެ، ފާފު އެންމެ ސާފު"ގެ ނަމުގައި އިއްޔެ ފެށި އެ މަހާސިންތާ ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ފ. އަތޮޅު ކައުންސިލުން ބުންޏެވެ.
އެ މަހާސިންތާގެ މަގުސަދަކީ، މީހުން ދިރިއުޅޭ ރަށްރަށުގައި ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖު ކުރުމުގެ ނިޒާމެއް ގާއިމު ކުރުމާ ގުޅޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުން ކަމަށް ނިލަންދޫ ކައުންސިލުން ބުނެ އެވެ.
ހަމައެހެންމެ، ކުނީގެ ސަބަބުން ފ. އަތޮޅަށާއި އެ އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް އެކި ގޮތްގޮތުން ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމާއި ސާފު އަދި ގުދުރަތީ ސިފަފެންނަން އޮތް އަތޮޅެއްކަމުގައި އެ އަތޮޅު ހެދުން ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
އެ މަހާސިންތާގައި ފ.އަތޮޅުގެ އެކި ރަށްރަށުން 38 ބައިވެރިން ބައިވެރިވެފައިވާ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.