މިއަހަރު އޭޕްރީލް މަހު ސައުދީ އަރަބިއާގައި ބާއްވާ "ރިޔާދް ޓްރެވަލް ފެއާ 2016" ގައި ބައިވެރިވާން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނިންމައިފި އެވެ.

ރިޔާދް ޓްރެވަލް ފެއާއަކީ ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާ، ސައުދީ އަރަބިއާގައި މިހާތަނަށް ބާއްވަމުން އައި އެންމެ ބޮޑު ޓޫރިޒަމް ފެއާ އެވެ.

މަޓާޓޯ އިން މިއަހަރުގެ ފެއާގައި ބައިވެރިވާން ނިންމާފައިވާ އިރު އެ އެސޯސިއޭޝަނުން މިހާރު ވަނީ އެ އެސޯސިއޭޝަނާ ގުޅިގެން ރިޔާދް ފެއާގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ޓްރެވަލް އެޖެންސީތަކާއި ރިސޯޓްތައް އަދި ހޮޓާތަކާއި ގެސްޓްހައުސް ތަކަށް ހުޅުވާލައިފަ އެވެ.

މަޓާޓޯ އާ ގުޅިގެން އެ ފެއާގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

މަޓާޓޯގެ އޮފިޝަލަކު ވިދާޅުވީ، އެފަދަ ފެއާއެއްގައި ބައިވެރިވުމުގެ ބޭނުމަކީ މެދުއިރުމައްޗަކީ މިހާރު ޓޫރިޒަމްގައި ރަނގަޅު މާކެޓެއް އުފެދިފައިވާ ސަރަހައްދަކަށްވާ އިރު، އެފަދަ ޑެސްޓިނޭޝަން ތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުން ކަމަށެވެ.

މިއަހަރުގެ ފެއާ ބޭވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 12 އިން 15 އަށް އަލް ފައިސަލިއަހް ހޮޓެލް ރިޔާދްގެ ޕްރިންސް ސުލްތާން ގްރޭންޑް ހޯލްގަ އެވެ.

މިއަހަރުގެ ފެއާގައި މެދުއިރުމައްޗާއި ނޯތު އެފްރިކާ އޭޝިއާ އަދި ޔޫރަޕްގެ ގައުމުތަކުން ބައިވެރިވާނެ އެވެ.