27 Jan 2016, 16:33
މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ހޮވައިފި އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް މިއަދު ހެނދުނު މައްޗަންގޮޅި އަވަށު އޮފީހުގައި ބޭއްވި އިންތިހާބުގައި އެ ކޮމިޓީގެ ރައީސާ އަކަށް ހޮވިފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ފާތިމަތު އަފްޝަން ލާތީފު އެވެ.
އަފްޝަން ލަތީފު އެ މަގާމަށް ހޮވިފައިވަނީ އެ މަގާމަށް ދެން ކުރިމަތިލި ޝަފީއާ ޒުބައިރު އާ ވާދަކޮށް ޖުމްލަ ހަތް ވޯޓުގެ ނަތީޖާ އަކުންނެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ނައިބު ރައީސާއަކަށް ހޮވިފައިވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އާއިޝަތު ޝިފާނާ ވަޖީހުއެވެ.
އޭނާ އެ މަގާމަށް ހޮވިފައިވަނީ އެ މަގާމަށް ދެން ކުރިމަތިލި ޝަފީއާ ޒުބައިރު އާ ވާދަކޮށް ޖުމްލަ 11 ވޯޓުގެ ނަތީޖާ އަކުންނެވެ.
މާލެސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މައިގަނޑު މަގުސަދަކީ، މާލޭގެ އަވަށްތަކުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި މަޝްވަރާ އާއި ލަފާ ދިނުމެވެ. ހަމައެހެންމެ އަންހެނުންގެ ތަރައްގީ އާއި ކުރިއެރުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުމަކީވެސް އެ ކޮމިޓީގެ މަގުސަދުތަކުގެ ތެރެއިންވާ ކަމެކެވެ.