27 Jan 2016, 16:00
ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ، އެރަށުން ކަރަންޓު ކެނޑިފައިވާތީ ތިނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުގެ ޓީމެއް އެރަށަށް ގޮސްފި އެވެ.
ދިވެހި ރެޑް ކްރެސެންޓުން މިއަދު ބުނީ، ތިނަދޫ އިންޖީނުގޭގައި ރޯވެ އެނދުމާއި، އެރަށުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބުރޫއެރުމާ ގުޅިގެން ދިވެހި ރެޑް ކްރެސެންޓުގެ ގައުމީ ކުއްލި ހާލަތްތަކާއި ބެހޭ ކޮމެޓީން ތިނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމާފައި ވަނީ ތިނަދުއަކީ ރެޑް ކްރެސެންޓުގެ ޔުނިޓެއް ގާއިމްކޮށްފައިވާ ރަށަކަށްވުމާއި، އެރަށުގެ އާބާދީއާ ރަށުގެ އާއްމު ހާލަތްތައް މިވަގުތު ހުރި ގޮތްތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ވެސް ރެޑް ކްރެސެންޓުން މައުލޫމާތުދެ އެވެ.
ދިވެހި ރެޑް ކްރެސެންޓުން ބުނީ، މިއަދު ހެނދުނުގެ ވަގުތެއްގައި އެ ޖަމާއަތުގެ ގައުމީ ފެންވަރުގެ ކުއްލި ހާލަތްތަކަށް އިޖާބަދޭ ޓީމުގެ ދެ މެމްބަރަކު ތިނަދުއަށް ގޮސްފައިވާ ކަމަށެވެ.
އެޓީމުން ހަރަކާތްތެރިވާނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރާއި އެމްއެންޑީއެފްގެ ތިނަދޫ ފަޔަރ ސްޓޭޝަނާއި ތިނަދޫ ޕޮލިސް ސްޓޭޝަނާއި އަދި ތިނަދޫ ކައުންސިލާއި ގުޅިގެން އެކުލަވައިލާފައިވާ ކްރައިސިސް މެނޭޖްމަންޓު ކޮމެޓީއަށް ފަންނީ ލަފާ ދިނުމަށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި ބުނީ ރަށުގެ ހާލަތު މިވަގުތު އޮތްގޮތް ދެނެ ގަނެ އެންމެ އަވަހަށް ބޭނުންވާ އެހީގެ މިންވަރު ކަނޑައެޅުމަށް ހަދާ ރެޕިޑް އެސެސްމެންޓު ހެދުމަށް ވެސް އެހީތެރިވެދޭނެ ކަމަށެވެ.