27 Jan 2016, 16:22
ކުޑަ ކަޅުވާއަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކުޅުމާ ދުރުގައި ހުރި ރެއާލް މެޑްރިޑްގެ ހަލުވި ފޯވާޑް ގެރެތު ބޭލް ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފިއެވެ.
މިމަހުގެ 17 ވަނަ ދުވަހު ސްޕޯޓިން ގިޖޯންއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ބޭލް ދަނޑުން ބާލާފައިވާ އިރު ރެއާލް އިން ކުރިން ބުނީ އޭނާ އަށް ކުޅުމުގެ ތެރެއަށް އާދެވެން ދެ ހަފްތާ ނަގާނެ ކަމަށެވެ.
ލީގްގައި އެންމެ ފަހުން ރެއާލް މެޑްރިޑް ކުޅުނު މެޗުން 1-1ގެ ނަތީޖާ އަކުން ރެއާލް ބެޓެސްއާ އެއް ވަރުވި މެޗު ބޭލް އަށް ގެއްލިފައިވާ އިރު އެ ކުލަބުން ނެރެފައިވާ ބަޔާނެއްގައި ބުނީ ބޭލް އަނިޔާ އިން ސަލާމަތް ވެފައިވާ ކަމަށާއި މިމަހުގެ އެއް ވަނަ ދުވަހު އެސްޕަނިއޯލްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އަނިޔާގައި ހަފްތާއަކަށް ވުރެން ގިނަ ދުވަހު ހުރުމަށް ފަހު އިއްޔެ ބޭލް ފަރިތަކުރަން ނިކުމެފައިވާ އިރު އޭނާ ކުރިއަށް ގެންދަނީ، ފިޒިކަލް ފިޓްނަސްގެ ފަރިތަކުރުން ތަކެެވެ. އަދީ ޓީމާ އެކު ފަރިތަކުރަން ނިކުންނާނެ ވަކި ދުވަހެއް ރެއާލް އިން ހާމަކޮށްފައެއް ނުވެއެވެ.
މި ސީޒަނުގައި ތިން ވަނަ ފަހަރު ފައިގެ ކުޑަކަޅުވާ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނު އިރު ބޭލް ވަނީ ރެއާލްގައި މޮޅު ކުޅުމެއް ދައްކައި އެޓީމަށް 13 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.