27 Jan 2016, 16:18
ދިވެހި ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ޕާޓީއެއްގެ ގޮތަށް އިދިކޮޅު އެމްޑީޕީން ސިފަކޮށްފި އެވެ.
އެމްޑީޕީން އެގޮތަށް ސިފަކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ހާލަތާމެދު ސިޔާސީ އެއް ޕާޓީއަކުން ދައްކާ ވާހަކަތަކަކަށް ސިޔާސީ އެހެން ޕާޓީއެއް ފަދައިން ވެވަޑައިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ރައްދުދީ ނޫސްބަޔާންތައް ނެރުއްވަމުން ގެންދެވުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެމްޑީޕީން ބުނީ، ރާއްޖޭގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި، ދައުލަތުގެ ނުވަތަ ސަރުކާރުގެ ތަފާސްހިސާބުތަކުގައި ހުންނަ ވާހަކަތަކާއި ނުހުންނަ ވާހަކަތައް ދެއްކުމާއި އެމަގަށް މަސައްކަތްކުރުމަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޙައިސިއްޔަތުން އެ ޕާޓީގެ މަސްއޫލިއްޔަތެއް ކަމަށާއި އެކަން ހަނދުމަ ކޮށްދޭ ކަމަށެވެ.
"ދައުލަތުގެ ނުވަތަ ސަރުކާރުގެ ތަފާސްހިސާބުތަކާއި ރަސްމީ މައުލޫމާތުތަކާ ހިލާފަށް އެއްވެސް ފަރާތަކުން ވާހަކަނުދެއްކުމަށް ބުނެ ފުލުހުން ބަޔާން ނެރުއްވުމަކީ ޕޮލިސް ސްޓޭޓަކުން ކުރާ ޒާތުގެ އަމުރެއްކަން ފާހަގަކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން އިއްޔެ ބަޔާން ނެރުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންޑަނުގައި ދެއްވި ނިއުސް ކޮންފަރެންސެއްގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ނެވެ.
ސިޔާސީ ހައްޔަރީންގެ ގޮތުގައި 1،700 ވަރަކަށް މީހުންގެ ތަހުގީގުކޮށް ދައުވާ ކުރަމުންދާ ކަމަށް ބުނެ ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ފުލުހުން ދޮގުކޮށް ނެރުނު ބަޔާނުގައި ބުނީ ސިޔާސީ ބައެއް ފަރާތްތަކުން އެގޮތަށް ރާއްޖެއިން ބޭރުގައި ވާހަކަފުޅުދައްކަވަމުން އަންނައިރު، ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރު ތެރޭގައި ބޭއްވި ސިޔާސީ އެއްވުންތަކާއި ސިޔާސީ ހަރަކާތްތަކުގައި، އަމުރަށް ނުކިޔަމަންތެރިވެގެން ނުވަތަ ފުލުހުންގެ ދައުރާއި ވާޖިބު އަދާކުރުމަށް ހުރަސް އެޅުމާއި، ޓެރަރިޒަމްގެ އަމަލުތައް ހިންގައި އެފަދަ އަމަލުތަކަށް ހިތްވަރުދީ ވާހަކަ ދެއްކުމާއި، ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމާއި، އެއްވުން މަނާ ސަރަޙައްދުތަކާއި ތަންތަނަށް އެއްވުންފަދަ ކުށް ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 109 މީހުން ކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި 140 މީހެއްގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ ވޭތުވެދިއަ 2 އަހަރު ތެރޭގައި ސިޔާސީ ޙަރަކާތްތަކުން ހައްޔަރުކޮށްފައިވަނީ 109 މީހުންކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވީ ނަމަވެސް "މޭޑޭ މުޒާހަރާގައި" އެކަނިވެސް 230 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
"އެމްޑީޕީގެ ސަރުކާރު ވައްޓާލުމަށްފަހު އެކިއެކި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން 1700 އަށްވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށް ޖިނާޢީ އެކިއެކި މަރުޙަލާތަކުގައިވާކަން ފާހަގަކުރަމެވެ. އަދި މިގޮތުން ހައްޔަރުކުރެވުނު މިދެންނެވި އެންމެހައި މީހުންގެ ފުރިހަމަ މައުލޫމާތު ސަރުކާރާއި އެމްޑީޕީ އާ ދެމެދު މީގެކުރިން ފެއްޓި މަޝްވަރާގެ ވާހަކަތަކަށް ވެސް މި ޕާޓީން ވާނީ ހުށަހަޅާފައެވެ. ފުލުހުންނަށް ކަންކަމުގެ ރެކޯޑު ނުބެލެހެއްޓެވިވުމަކީ އެ މުއައްސަސާގެ މައްސަލައެއްކަމަށް ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅިގެން ރާއްޖެގެއިން ބޭރަށް ހަނގުރާމައަށްދާ ފަރާތްތަކުގެ އަދަދު ކަންބޮޑުވާ ދަރަޖައަށް ދުވަހުން ދުވަހަށް އިތުރުވެފައިވާއިރު ފުލުހުންގެ ބަޔާނުގައި އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ އިސްލާމްދީނުގެ ނަމުގައި ހަނގުރާމަ ކުރަން ކަމަށްބުނެ ދުނިޔޭގެ ކަންކޮޅުތަކުގައި ހަނގުރާމަ ކުރަމުންދާ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް ބައެއް ޖަމާއަތްތަކާ ގުޅިގެން 200 ވަރަކަށް ދިވެހިން ހަނގުރާމަކުރަމުން ގެންދާކަމަށް ރައީސް ނަޝީދު ތަފާތު އެކި ފޯރަމް ތަކުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވިދާޅުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ނަމަވެސް ހަނގުރާމަ ކުރުމަށާއި ޖިހާދުވުމުގެ ނަމުގައި ކަމަށްބުނެ ރާއްޖެއިން ބޭރަށް ގޮސްފައިވާ ދިވެހިންނާއި އެމީހުންގެ އާއިލާތައް ހިމަނައިގެންވެސް ރައީސް ނަޝީދު އެވިދާޅުވާ އަދަދުގެ ދެބައިކުޅަ އެއްބައިވާ ވަރަށް ދިވެހިން ރާއްޖެއިން ބޭރަށް ގޮސްފައިނުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެމްޑީޕީގެ ބަޔާން ނިންމާލަމުން އެ ޕާޓީން ބުނީ ފުލުހުންގެ މުއައްސަސާގައި ވެސް ޕްރޮފެޝަނަލް ގިނަ ފަރާތްތަކުން އެބަ ތިބި ކަމަށާއި އެފަރާތްތަކުގެ ނަމަށް ހުތުރުކަން އަންނަ ގޮތަށް އެފަދަ ބަޔާންތައް ނެރުން ހުއްޓާލުމަށް ގޮވައިލާ ކަމަށެވެ.