ސ. ހިތަދޫގައި ރޭ ފަތިހު އަތިރިމައްޗަށް ދިޔަ އުމުރުން 74 އަހަރުގެ އަންހެނަކު ރޭޕްކޮށްލުމުގެ ތުހުމަތުގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމުގައި ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ އެ އަންހެންމީހާއާ ގަދަކަމުން ބެހި، އިތްފަތް ފޭރިގަތުމާ ގުޅިގެން އޭނާއަށް ވަރަށް ބޮޑަށް ވަނީ ޖިންސީ ހާނީއްކަތައް ލިބިފަ އެވެ. އޭނާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، ބަޔަކު މީހުން އެ އަންހެންމީހާ، ފަތިހު ހޮސްޕިޓަލަށް ގެނައިއިރު ލޭމަނާ ނުވާ ކަމަށާއި އަދި އޭރު ހާލުވެސް ސީރިއަސް ކަމަށެވެ. ނަމަވެސް، މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި ލިބިފައި ހުރި ހާނީއްކަތަކަށް ފަރުވާދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހިތަދޫ އަންހެންމީހާއާ ބެހުނީ ގްރޫޕަކުން ކަމަށް ބުނެ އެ ރަށުގައި ވަނީ އަޑުތައް ފެތުރިފަ އެވެ. ނަމަވެސް، ފުލުހުންގެ އޮފިޝަލު ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން އެނގިފައިވަނީ އެ އަންހެންމީހާ ބަދުއަހުލާގީ އަމަލު ހިންގީ އެކަކު ކަމަށާއި އެމީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

މި މައްސަލަ ބަލަން ޖެންޑާގެ އޮފިޝަލުން ވެސް ހިތަދޫ ހޮސްޕިޓަލަށް ވަނީ ގޮސްފަ އެވެ. މިއީ މިފަހަކަށް އައިސް ޒުވާނަކު މި އުމުރުގެ އަންހެނަކު ރާއްޖޭގައި ރޭޕް ކުރި ފުރަތަމަ ފަހަރެވެ.