27 Jan 2016, 12:49
ރައްޔިތުންނާއި ސަރުކާރު ބައިވެރިވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ ބާޒާރަށް "ރެޑީ މިކްސް ސިމެންތި" ނޫނީ ތައްޔާރީ ސިމެންތި މިއަދު ތައާރަފުކޮށްފި އެވެ.
ދަރުބާރުގޭގައި މިއަދު ފެށި މަސީގެ ބިލްޑް އެންޑް ހޯމް އެކްސްޕޯގައި، "އެސްޓީއޯ ޕަވާ މިކްސް" ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ.

ރެޑީ މިކްސް ސިމެންތި" ނޫނީ ތައްޔާރީ ސިމެންތި މިއަދު ތައާރަފުކޮށްފި އެވެ. ދަރުބާރުގޭގައި މިއަދު ފެށި މަސީގެ ބިލްޑް އެންޑް ހޯމް އެކްސްޕޯ ރައީސް ހުޅުވައި ދެއްވަނީ --
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ އެ ފެއާގައި 49 ސްޓޯލެއް ވަނީ ގާއިމުކޮށްފަ އެވެ.
އެކްސްޕޯ ހުޅުވުމުގެ ރައްސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ކޮންސްޓްރަކްޝަންސްގެ ދާއިރާ އަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރެޑީ މިކްސް ސިމެންތީގެ މަސައްކަތް ކުރުމަށް ސަރުކާރުން ފުރަތަމަ ބިމެއް ދިނީ އެސްޓީއޯ އަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ސިމެންތީގެ މަސައްކަތްތައް ކުރުމަށް އަމިއްލަ ކުންފުނިތަކަށް ވެސް ސަރުކާރުން ބިން ދޫކުރައްވާނެ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު
އަދި ވިދާޅުވީ އެ މަސައްކަތް އަމަލީ ގޮތުން ފެއްޓޭވަރު ވާނީ މާލޭ ދެކުނު ފަރާތުގައި ހިއްކާ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިމުމުން ކަމަށެވެ.
"[އޭރުން] މާލޭގެ އެތެރޭގައި މެޓީރިއަލް ބަހައްޓައިގެން މަގުތައް ބަންދުކޮށް، ކޮންކްރިޓް ކުރުމަށް ކުރެވޭ މަސައްކަތް ބަދަލުކޮށް މާލޭގެ އެތެރޭގައި ކޮންކްރިޓް ކުރުމަށް ޓަކައި މިހާރު މިގެންދާ ނިޒާމަށް ބަދަލުވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ރެޑީ މިކްސް ސިމެންތި އުފެއްދުމުގެ މަސައްކަތް މުސްތަގުބަލުގައި ފުޅާ ކުރައްވާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި މަސީން ވަނީ އެ ޖަމިއްޔާ އިން ދޭ ހިދުމަތުގެ އެންމެ މަތީ އެވޯޑު ރައީސަށް އަރުވައިފަ އެވެ.
މިއަދު ހުޅުވި އެކްސްޕޯގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުނިތަކުގެ އިތުރުން އާކިޓެކްޗަރުންނާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ސާމާނު ސަޕްލައިކުރާ ކުންފުނިިތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ރެޑީ މިކްސް ސިމެންތި ތައާރަފު ކުރުމުގެ ހަފްލާގެ ތެރެއިން --
ކޮންސްޓްރަކްޝަން ކުންފުނި، އައިމާ ކޮންސްޓްރަކްޝަނުން ވެސް، ދެ ހާހުގެ އަހަރުތަކުގައި ރެޑީ މިކްސް ސިމެންތި ތައާރަފު ކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ މަސައްކަތް ހުއްޓީފަ އެވެ.