27 Jan 2016, 13:03
ކުނި މެނޭޖްކުރުމަށް އުފައްދާފައިވާ ކުންފުނި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ އަމަލީ މަސައްކަތްތައް މިއަދު އިފްތިތާހުކޮށްފި އެވެ.
ޝީ ބިލްޑިންގުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޕަރޭޝަންގެ އަމަލީ މަސައްކަތާއި ލޯގޯ އިފްތިތާހުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލޭ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ބިމެއް ކަނޑައެޅި، އެތަނުގައި މެޝިންތައް ބަހައްޓައިގެން މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުނީގެ މައްސަލައަކީ އެކަމެއް ރާއްޖޭގެ ރައްޔިތުންނާއި އިގްތިޞާދާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. އެގޮތުން ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަކީ ރައީސް ޔާމީން ވަރަށް އިސްކަމެއްދީގެން ކުރައްވަމުން އަންނަ މަސައްކަތެއްކަން މިނިސްޓަރު ޠާރިގް ފާހަގަކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޓާރިގް ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ރަނގަޅުގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ސަރުކާރުން ހަރުދަނާ އުސޫލުތަކެއްގެ މަތިން ފަށައިގެން ކުރިއަށްގެންދާ ނަމަވެސް އާންމު ރައްޔިތުންގެ ފަރުދީ ޒިންމާ ރަނގަޅަށް އަދާކުރުމަކީ މިފަދަ މަސައްކަތްތައް ކާމިޔާބު ކަމާއެކު ކުރިއަށްގެންދެވޭނެ އެންމެ ބޮޑު އަސްލުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން އާންމުން އަދި ކުންފުނިތަކުން ވެސް ކުންޏާމެދު ސަމާލުވުމަށް މިނިސްޓަރު ޠާރިގް އެދިލެއްވި އެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފުއާދު ވިދާޅުވީ، ވެމްކޯ އިން މަސައްކަތް ކުރަމުން ދާނީ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި އުފެދޭ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރުމަށް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
"އަޅުގަނޑުމެންގެ ފެސިލިޓީސްތައް ވެސް ފެންނަނީ މިހާރު ހަލާކުވެފައިވާތަން. ނަމަވެސް އިރާދަކުރެއްވިއްޔާ ދައުލަތުގެ ބަޖެޓުން ލިބެން ހުރި ފައިސާ އަދި އެހެނިހެން ގޮތްގޮތުން ލިބެންހުރި ފަންޑިންގެ އެހީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަހަރު މިކަމަށް، ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބޮޑު އިންވެސްޓެއްކޮށް މިކަން ހަމައަކަށް އަޅުވާނަން،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދަޅުވީ ކުނި އުފުލުމަށް ހާއްސަ ވެހިކަލްތައް ކުރިއަށް އޮތްތާގައި މާލެއަށް ގެންނާނެ ކަމަށެވެ. އަދި އެ ތަކެތީގައި ކުނި އުފުލަން ފެށުމުން މިހާރު ކަންތައް ވަމުންދާގޮތަށް، ވަސް ދުވުންފަދަ ކަންކަން ހައްލުވެ މަގުމައްޗަށް ކުނިއެޅުން ހައްލުވާނެކަމަށް އޭނާ ވިދާޅުވި އެވެ.