ކުއަލަލަމްޕޫރު (ޖެނުއަރީ 27): ސައުދީ އަރަބިއާގެ ޝާހީ އާއިލާއިން މެލޭޝިއާގެ ބޮޑުވަޒީރު، ނަޖީބް ރައްޒާގުގެ އެކައުންޓަށް ޓްރާންސްފާ ކުރި 681 މިލިއަން ޑޮލަރަކީ 2013 ވަނަ އަހަރުގެ އިންތިހާބަށް ތައްޔާރުބުމަށް ޓަކައި ހަދިޔާ ކުރި ފައިސާ ކަމަށް ސައުދީން ބުނެފި އެވެ.

ބޮޑުވަޒީރު ނަޖީބުގެ އަމިއްލަ އެކައުންޓުގައި 681 މިލިއަން ޑޮލަރު ހުރިކަން މިދިޔަ އަހަރު ހާމަވުމުން އޭނާގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތަކަކީ ތެދު ތުހުމަތުތަކެއް ނޫން ކަމަށް މެލޭޝިއާގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމީ އިއްޔެ އެވެ.

ނަން ހާމަކުރަން ބޭނުންނުވާ ސައުދީ ސަރުކާރުގެ އިސްފަރާތަކުން ވިދާޅުވީ ސައުދީ ޝާހީ އާއިލާ އިން އެފައިސާ ހަދިޔާ ކުރީ ނަޖީބުއާއި އޭނާގެ ކޯލިޝަނަށް 2013ޣާޢީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކުރުމަށާއި، ސައުދީއާއި މެލޭޝިއާއާ ދެމެދުގައި ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޓީމެއް ގާއިމުކުރުމަށާއި، ޕާޓީ ކެމްޕެއިންގެ ތެރެއިން އިޖުތިމާއީ ޕްރޮގްރާމްތަކަށް ފަންޑުކުރުމަށްޓަކާ ކަމަށެވެ.

އަދި 2013 ވަނަ އަހަރުގެ އިންތިހާބުގައި ނަޖީބު އިސްވެހުންނެވި ކޯލިޝަންއަށް ސައުދީން ތާއިދު ކުރީ އޭރުގެ އިދިކޮޅު ޕާޓީއަކީ، ސައުދީން ޓެރަރިސްޓު ޖަމާއަތެއް ކަމަށް ގަބޫލުކުރާ މުސްލިމް ބްރަދަހުޑްއާ ގުޅުންއޮތް ޕާޓީއެއް ކަމަށް ލަފާކޮށްފަ ކަމަށް ސައުދީން ބުނެ އެވެ.

ބޮޑުވަޒީރު ނަޖީބުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ މެއި 2013ގައި އޮތް އިންތިހާބުގެ ކުރިން އެ އަހަރުގެ މާޗް މަހާއި އެޕްރީލް މަހާ ދޭތެރޭ ކަމަށް މެލޭޝިއާގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިއަށްގެން ދިޔަ ތަހުގީގުތަކުން ދެއްކި އެވެ. (ބީބީސީ)