ޝަޚްސު އޮޅުވާލުމަށްޓަކައި ފޭކު ފޭސްބުކް އެކައުންޓްތަކެއް ހަދައިގެން، އޭގެ ބޭނުންކޮށްގެން މީހުންނާ ވާހަކަ ދެއްކުމަށް ފަހު ބްލެކްމެއިލް ކުރަމުން ދިޔަ މީހަކު ހޯދުމަށް ސްރީލަންކާއިން އަމުރުކޮށްފި އެވެ.

ކޮލޮމްބޯ މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ، މި އަމަލު ހިންގަމުން ދިޔަ މީހާ ހިފައި ހައްޔަރު ކުރުމަށް ސްރީލަންކާގެ އިމިގްރޭޝަން ޑިޕާޓްމެންޓުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ހައްޔަރުކުރުމަށް އަމުރުކުރެވިފައިވާ މީހާއަކީ، އަންހެނުންގެ ފޭކު ފޭސްބުކް ޕްރޮފައިލްތަކެއް ހަދައި، އެ ބޭނުންކޮށްގެން މުއްސަނދި ފިރިހެނުންނާ ވާހަކަ ދައްކައި، އެމީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަ މީހެކެވެ. މި މީހާ، ސްރީލަންކާގައި ހުރެ އާއި، އެހެން ޤައުމުތަކުގައި ހުރެގެން ވެސް މިކަން ކުރަމުން ދިޔަ ކަމަށް ލަންކާގެ ސީއައިޑީއިން ބުނެ އެވެ.

ސީއައިޑީއިން މި މައްސަލަ ތަހްޤީޤު ކުރަން ފެށި ހިސާބުން، ޖަނަވަރީ 17 ވަނަ ދުވަހު މި މީހާ ވަނީ ސްރީލަންކާ ދޫކޮށް ބޭރު ޤައުމަކަށް ގޮސް "ފިލައިފަ" އެވެ. އެހެންކަމުން، ސީއައިޑީއިން ވަނީ، މި މީހާ ދެން ސްރީލަންކާއަށް އެތެރެވާ ފަހަރަކުން އޭނާ ހައްޔަރުކުރުމަށް ކޯޓު މެދުވެރިކޮށް އިމިގްރޭޝަނަށް އަންގައިފަ އެވެ.