27 Jan 2016, 11:22
ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް އެރަށަށް ގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވި މައްސަލަ ތަހުގީގު ކުރުމަށް އިއްޔެ އެރަށަށް ގޮސްފައި ވަނީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ތަހުގީގު ޓީމަކާއި ފޮރެންސިކު ފުލުހުންގެ ޓީމެއް ކަމަށެވެ.
އެ ޓީމުން ތިނަދޫ ޕޮލިސްޓޭޝަނާ ގުޅިގެން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން އެނގުނު ގޮތުގައި އަލިފާން ރޯވީ ތިނަދޫ އިންޖީނުގޭގެ ގުދަނުގައި ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ގުދަނަކީ އަލިފާންރޯވާނެ ފަދަ އެއްވެސް އެއްޗެއް ހުރިތަނެއް ނޫން ކަމަށެވެ.
އެ ހާދިސާއަށްފަހު ތިނަދުއަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މުހިންމު ސެކްޝަންތަކަށް ކަރަންޓުދީފައެވެ.
އެ ހޮސްޕިޓަލަށް ކަރަންޓު ދިނުމަށްޓަކައި ގއ. ވިލިނގިއްޔާއި އެއަތޮޅު މާމެންދޫ އިން ވެސް ވަނީ ޖަނެރޭޓަރުތައް ތިނަދުއަށް ގެންގޮސްފައެވެ. އަދި އުރީދޫން ވެސް ވަނީ ހޮސްޕިޓަލަށް ކަރަންޓު ދިނުމަށްޓަކައި ޖަނެރޭޓަރެއް ފޯރުކޮށްދީފައެވެ.