ސަރުކާރާއި ރައްޔިތުންގެ ބައިވެރިވާ، ވިޔަފާރި ބޭންކް، ބޭންކް އޮފް މޯލްޑިވްސް[ބީއެމްއެލް] ބޯޑް ޗެއާމަނަކަށް ސަރުކާރުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކަނޑައެޅުއްވި އާދަމް އިބްރާހީމް އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ. އެކަން ވަނީ ސަރުކާރުން ވެސް ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ އާދަމް އިބްރާހީމް ބީއެމްއެލްގެ ބޯޑުން އިއްޔެ އިސްތިއުފާ ދެއްވި ކަމަށާއި އިސްތިއުފާ ދެއްވި ސަބަބު ސިޓީގައި ބަޔާން ކުރައްވާފައި ނުވާ ކަމަށެވެ. އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ އަށް ކަމަށް ޒުހައިރު ވިދާޅުވި އެވެ.

ނަމަވެސް ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އާދަމް އިބްރާހީމް ބޯޑު ޗެއާމަންކަމުން އިސްތިއުފާ ދެއްވީ "އިސްތިއުފާ ދެއްވުމަށް އެންގެވުމުން"ނެވެ.

އާދަމް އިބްރާހީމް އިސްތިއުފާ ދެއްވީ ކީއްވެގެންތޯ ސަން އޮންލައިނުން ދެންނެވުމުން އޭނާ މިއަދު ވިދާޅުވީ "ތިޔަ ސުވާލަށް އަޅުގަނޑު ޖަވާބު ދޭކަށް ބޭނުމެއްނޫން" ކަމަށެވެ. އިސްތިއުފާ ދެއްވީ ކޮން އިރަކުތޯ ސުވާލު ދެންނެވުމުން އޭނާ ފޯން ކަނޑުއްވާލެއްވީ އެވެ.

އާދަމް އިބްރާހީމްގެ "އިސްތިއުފާ" އަށް ފަހު ސަރުކާރުން ވަނީ އާ ބޯޑް ޗެއާމަނަކަށް މއ. ނައިބުގޭ އަބްދުﷲ ޝިޔާމްގެ ނަން، ސަރުކާރު ތަމްސީލު ކުރާ އަށް މެންބަރުން ތިއްބަވާ 11 މެންބަރުންގެ ބޯޑަށް އިއްޔެ ހުށަހަޅައިފަ އެވެ. އެކަން ވަނީ ރައީސް އޮފީހުން ވެސް ކަށަވަރުކޮށްދީފަ އެވެ.

އަސްރަފީ ބްކް ޝޮޕްގެ މެނޭޖިން ޑައިރެކްޓަރު، އާދަމް އިބްރާހީމަކީ 23 އަހަރު ތައުލީމީ ދާއިރާގައި އަދި 33 އަހަރު ވިޔަފާރިގެ ދާއިރާގައި ހަރަކާތްތެރިވެފައިވާ މެތަމެޓިކްސް އިން ޑިގްރީއެއް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ބޭންކްގެ ބޯޑް ޗެއާމަނަކަށް އައްޔަން ކުރެއްވީ 7 އޯގަސްޓް 2009 ގަ އެވެ.