27 Jan 2016, 10:36
ތައުލީމާއި އިންސާނީ ތަރައްގީގައި ރާއްޖެއަކީ މިސަރަހައްދުން އެންމެ ކުރިއަރާފައިވާ ގައުމު ކަމަށާއި އިންޑިއާ އިން އެކަމަށް ތައުރީފުކޮށް އަތްޖަހާ ކަމަށް ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މިޝްރާ ވިދާޅުވީ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޑިޖިޓަލް ލިޓްރަސީއާއި ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އެންމެ މަތީ ވެސް ރާއްޖޭގައި ކަމަށެވެ. އަދި ވިދާޅުވީ މުޅި ސަރަހައްދުން ވެސް އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ އެންމެ މަތީ ވެސް ރާއްޖޭގައި ކަމަށެވެ.
"... ތިޔަ ބޭފުޅުންގެ ކާމިޔާބީގެ ވާހަކަތަކަށް އަޅުގަނޑާއި އިންޑިއާ ރައްޔިތުން ތައުރީފުކޮށް އަތް ޖަހަން. ޖިއޮގްރާފީގެ ގޮތުތުންނާއި ފެތުރިފައިވާ ކުޑަކުޑަ އާބާދީއެއްގެ ގޮތުން ކުރިމަތިވާ ތަފާތު ގިނަ ގޮންޖެހުންތަކުން އަރައިގަނެ، ދެކު އޭޝިއާގެ އެންމެ މުއްސަނދި ގައުމަށް ވުމަށް، ޕާޗޭޒިން ޕަވަރް އާއި ޕާކެޕިޓާ އިންކަމްއާއި ޖީޑިޕީގެ ގޮތުން. އަދި ހިއުމަން ޑިވެލޮޕްމެންޓް އިނޑިކޭޓާސްތަކަށް ބަލާއިރު ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ ގައުމަށް ވުމަށް، އަދި ޑިޖިޓަލް ލިޓްރަސީ އެންމެ މަތި އަދި ސޯޝަލް މީޑިއާ ބޭނުންކުރާ ނިސްބަތް އެންމެ މަތި ގައުމަށް ވުމަށް ފަހުރުވެރި ދިވެހިން ކުރި މަސައްކަތާ މެދު އަހަރެމެން އިމްޕެސްވޭ،" މިޝްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ، ގުޅުމާ މެދު ވެސް އިންޑިއާ ރައްޔިތުން އުފާ ކުރާ ކަމަށާއި އެ ގުޅުމުގެ އަގު ވަޒަންކުރާ ކަމަށެވެ.
އިންޑިއާ އަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިޝްރާ ވިދާޅުވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ވެރިކަމުގައި ހަގީގީ ޒަމާނީ ގައުމަކަށް ވުމަށް ޓަކައި އިންޑިއާ އަންނަނީ ބަދުވަމުން ކަމަށެވެ.
"... ހަތަރު ކަމެއް އެކުލެވޭ ހަގީގީ ޒަމާނީ ގައުމަކަށް ވުމަށް، އެއީ ޑިމޮކްރަސީ، އަގީދާގެ މިނިވަންކަން، އެންމެނަށް ފައިދާ ކުރާ އިގުތިސާދީ ކުރިއެރުން އަދި ޖިންސީ ހަމަހަމަކަން. މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ޓަކައި ބޮޑުވަޒީރާއި އޭނާގެ މުޅި ސަރުކާރުން ވަރުބަލިވުމެއް ނެތި މަސައްކަތްކުރަމުން އަންނަނީ ފަސޭހަ، ނަތީޖާ ނެރެވޭ، ދެފުން ފެންނަ އަދި ޒިންމާދާރު ކުރުވޭ ހިންގުމުގެ ނިޒާމެއް ގާއިމްކުރަން،" އިންޑިއާ ސަރުކާރަށް ތައުރީފުކުރައްވައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް ވަޑައިގެންނެވުމުން ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންގެ ފަރާތުން ލިބިވަޑައިގެންނެވި ތަރުހީބަށް ޓަކައި އޭނާ ޝުކުރު އަދާކުރެއްވި އެވެ. ވިދާޅުވީ ޑިޕްލޮމޭޓެއްގެ ގޮތުގައި ގިނަ ގައުމުތަކެއްގައި މަސައްކަތް ކުރެއްވި އިރު އެފަދަ ލޯތްބެއް އަދި ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
އިންޑިއާގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ހެލްތު މިނިސްޓަރު އިރުތިސާމު އާދަމާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދާއި އެމްއެންޑީއެފްގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރާއްޖޭގައި ތިބޭ ބައެއް ގައުމުތަކުގެ ސަފީރުން ވެސް އެރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.