27 Jan 2016, 10:16
ޖެނީވާ (ޖަނަވަރީ 27) : ގާތުން ކިރުދިނުމުން ޒިކާ ވައިރަސް މަންމަގެ ފަރާތުން ދަރިފުޅުގެ ގަޔަށް އަރާކަމުގެ އިލްމީ ހެއްކެތް ނެތް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ. ނަމަވެސް ޑަބްލިޔޫއެޗްއޯ އިން ބުނީ ޖިންސީ ގުޅުމުގެ ސަބަބުން ޒިކާ ވައިރަސް ޖެހިދާނެކަމަށް ބެލެވޭ ކަމުގައެ ވެ. ނަމަވެސް މިކަން ކަށަވަރު ކުރުމަށް އިތުރު ތަޖްރިބާތައް ބޭނުންވާ ކަމަށް އެޖަމްއިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ޒިކާ ވައިރަސްއަކީ މަދިރީގެ ޒަރީއާ އިން ޖެހޭ ބައްޔެކެވެ. މި ބަލީގެ ވައިރަސް މަދިރިން ފެތުރޭކަންވަނީ ކަށަވަރުވެފަ އެވެ. މިބަލިޖެހިފައިވާ މާބަނޑު އަންހެނުން ވިހާ ދަރިފުޅުގެ ސިކުނޑީގެ ބައެއް ހަލާކުވެ ބޯލުގެ ސައިޒުވެސް ކުޑަވާކަން އިލްމީ ދިރާސާތަކުން ވަނީ ހާމަވެފައެވެ. ލެޓިން އެމެރިކާގެ ގިނަ ގައުމުތަކެއްގައި ވަނީ މިބަލި ފެތުރުފަ އެވެ. މިބަލި ފެތުރޭ ގައުމުތަކުގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ.
ދެކުނު އެމެރިކާ އާއި އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރޭން މިބަލީގެ ވައިރަސްނެތް ދެގައުމަކީ ޗިލީއާއި ކެނޑާ އެވެ. އެމެރިކާގެ ހަވާއިގެ އަންހެނަކު ދާދިފަހުން ވިހޭ ކުއްޖެއްގެ ބޮލުގެ ބައެއް ވެސް ވަނީ ހަލާކުވެފަ އެވެ. މިކަން ބެލިއިރު އެކުއްޖާގެ މަންމަގެ ހަށިގަނޑަށްވަނީ ޒިކާ ވައިރަސް ވާސިލް ވެފައެވެ. ޒިކާ ވައިރަސް ނިސްބަތްވަނީ ރީދޫ ހުން ޖައްސާ ވައިރަސްގެ އާއިލާއަށް ކަމަށްވެ އެވެ. މިބަލި ފެތުރެމުންދާ މައްސަލާގައި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ގެންދަނީ ކަންބޮޑުވާކަން ހާމަކޮށް އެބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)