ޕެނަލްޓީ ޖަހައިގެން ސްޓޯކް ސިޓީ މައްޗަށް ކުރި ހޯދައިގެން ކެޕިޓަލް ވަން ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ލިވަޕޫލް ހޯދައިފިއެވެ.

ރޭގެ މެޗަށް ދެޓީމު ނިކުތް އިރު ފުރަތަމަ ލެގް ސްޓޯކްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 0-1ގެ ނަތީޖާ އަކުން ލިވަޕޫލުން ވަނީ ކާމިޔާބްކޮށްފައެވެ. އެހެންކަމުން ރޭގެ މެޗު އެއް ވަރު ކޮށްލައިގެން ވެސް ލިވަޕޫލަށް ފައިނަލަށް ދެވެން އޮތް ނަމަވެސް ރޭގެ މެޗުން ސްޓޯކުން ވަނީ ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައެވެ.

ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު 45 ވަނަ މިނެޓްގައި ސްޓޯކްގެ ބޯޖަން ތަނަވަސް ކޮށްދިން ފުރުސަތަކުން މާކޯ އާނައުޓޮވިޗް ވަނީ ލިވަޕޫލްގެ ގޯލު ފޫއަޅުވާލަދީ ފައެވެ.

ކެޕިޓަލް ވަން ކަޕްގައި ލިވަޕޫލް އާއި ސްޓޯކް ބައްދަލު ކުރި މެޗުގައި ސްޓޯކްގެ ގޯލު މާކޯ އާނައުޓޮވިޗް ކާމިޔާބް ކުރުމަށް ފު އުފާ ފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ ނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބް ނުކުރެވި މެޗުގެ އިތުރު ވަގުތު ވެސް ނިމުމުން އެގްރިގޭޓުން 1-1ގެ ނަތީޖާއިން އެއްވަރުވެފައިވާތީވެ ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީގައި ލިވަޕޫލް އިން ސްޓޯކްގެ މައްޗައް ކުރި ހޯދީ 6-5ގެ ނަތީޖާ އަކުންނެވެ. އެގޮތުން ލިވަޕޫލްގެ ކޭން ޖެހި ޕެނަލްޓީ ނާކާމިޔާބު ވެފައިވާ އިރު ސްޓޯކްގެ ޕީޓަރ ކްރޮޗް އާއި މުނީސިއާ އަށް ވަނީ ޕެނަލްޓީ ކާމިޔާބް ކޮށްލެވޭ ގޮތް ނުވެފައެވެ.

ކެޕިޓަލް ވަން ކަޕްގައި ލިވަޕޫލް އާއި ސްޓޯކް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ ސްޓޯކުން ޖެހީ އޮފްސައިޑް ގޯލެއް ކަމަށާއި ނަމަވެސް ހިތްވަރާއި އެކު އޭނާގެ ޓީމުން މަސަތްކަތް ކުރުމުން ޕެނަލްޓީގައި ކާމިޔާބް ލިބުނީ ކަމަށެވެ.

"ސްޓޯކުން ކުޅުނީ އެމީހުން ކުރިން ކުޅޭ ގޮތަކަށް ނޫން. ވަރަށް ބޮޑަށް އެ މީހުންގެ ކުޅުން ވަނީ ބަދަލުވެފައި. ދިގު ބޯޅަ ތަކަކުން އެޓޭކް ކުރަން މަސަތްކަތް ކުރީ. ނަމަވެސް ލިވަޕޫލްގެ ޑިފެންސް ލައިން ވަރަށް ހުށިޔާރު،" ކްލޮޕް ބުންޏެވެ.

އެ މުބާރާތުގައި ލިވަޕޫލާއި ދެކޮޅަށް ނިކުންނާނެ ޓީމެއް އެނގިގެން ދާނީ އެވަޓަން އާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗަށް ފަހުގައެވެ. އެ ދެ ޓީމު ފުރަތަމަ ލެގްގައި ކުޅުނު މެޗު 1-2 ގެ ނަތީޖާ އަކުން އެވަޓަން ކާމިޔާބް ކޮށްފައިވާ އިރު ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ނިކުންނައިރު އެޑްވާންޓޭޖް އޮތީ އެވަޓަން އަށެވެ.