އީޑީޒް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޒިކާ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި، ބްރެޒިލްގެ ދެލައްކަ އަށް ވުރެ ގިނަ ސިފައިން ނެރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ބްރެޒިލްގެ ސަރުކާރުން ބުނީ، ޒިކާ ވައިރަސް ފެތުރުން ހުއްޓުވުމަށް އެޤައުމުން ކުރާނެ "ހަނގުރާމަ"އަށް ބްރެޒިލްގެ 220،000 ސިފައިން ނެރޭނެ ކަމަށާއި، ޒިކާ ވައިރަސް ނައްތައިލުމަށް ސިފައިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އެގޮތުން، މަދިރި އުފެދޭނެ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަން ނައްތައިލުމާއި، ޒިކާ ވައިރަހާ ދެކޮޅަށް ރައްޔިތުންނަށް ކުރެވޭނެ ކަންކަން އަންގައިދޭ ލީފްލެޓުތަކެއް ސިފައިން ކޮންމެ ގެޔަކަށް ގޮސް ބެހުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެފްރިކާއިން މީގެ ކުރިން ފެންނަމުން ދިޔަ ޒިކާ ވައިރަސް މިހާރު ވަނީ ލެޓިން އެމެރިކާގެ ޤައުމުތަކަށް ފެތުރިފަ އެވެ. ބްރެޒިލްގައި ޒިކާ ވައިރަސް ހަލުއިކަމާއި އެކު ފެތުރެމުންދާ އިރު، ބްރެޒިލްގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވެފައިވަނީ، ޒިކާ ވައިރަހާ ހަނގުރާމަކޮށްގެން ބްރެޒިލް ދަނީ ބަލިވަމުން ކަމަށެވެ.

އީޑީޒް މަދިރީގެ ޒަރިއްޔާއިން ފެތުރޭ މި ބައްޔަކީ، މާބަނޑު މީހުންގެ ފަރާތުން، އެމީހުންގެ ބަނޑުގައި އޮންނަ ދަރިފުޅަށް ޖެހޭނެ ބައްޔެކެވެ. މި ބަލީގެ ސަބަބުން ބައެއް ކުދިން ވިހާ އިރު، އެކުދިންގެ ސިކުނޑި އޮންނަނީ ރަނގަޅަށް ނުއުފެދި، "އަންޑަރޑިވެލޮޕް" ވެފަ އެވެ. މިއާއި އެކު، އެކުދިންގެ ބޮލުގެ ނާށިގަނޑު ކުޑަވެފައި، ބޯ ވެސް ކުޑަ އެވެ. މި ހާލަތަށް ކިޔަނީ "މައިކްރޯސެފަލީ" އެވެ.

މި ބައްޔަށް މިހާތަނަށް ޝިފާއެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެ އެވެ.

ޒިކާ ވައިރަސް ޖެހުމުގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަށިގަނޑުގެ އެކި ހިސާބުތަކުން ރޭޝް ވުމާއި، ހުޅު ހުޅުގައި ރިއްސުމުގެ އިތުރުން ދެލޯ ރަތްވުން ހިމެނެ އެވެ.

ބްރެޒިލްގައި ޒިކާ ވައިރަސް ފެތުރެން ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ. އޭގެ ފަހުން ބްރެޒިލްގައި އުފަންވީ ކުދިންގެ ތެރޭގައި މައިކްރޯސެފަލީ ކިޔާ ކޮންޑިޝަންއެއް ހުރި ތުއްތުކުދިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު ޒިކާ ވައިރަސް ޖެހުމުން މައިކްރޯސެފަލީ ޖެހުމުގެ ނުރައްކާ އިތުރުވޭތޯ ބެލުމަށް ސައިންސުވެރިން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.