ޑެންމާކުން ސިޔާސީ ހިމާޔަތް ހޯދާ ފަރާތްތަކުން އެޤައުމުގެ ސަރުކާރަށް ދައްކަންޖެހޭ ޚަރަދުތައް ހޯދުމުގެ ގޮތުން، އެމީހުންގެ މުދާ ސަރުކާރަށް ނެގުމުގެ ހުއްދަ، ޤާނޫނެއްގެ ދަށުން ޑެންމާކުގެ ސަރުކާރަށް ދީފި އެވެ.

"ގަހަނާ ބިލު"ގެ ނަމުން ނަން ދެވި، ޑެންމާކުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި މި ޤާނޫނުގެ ދަށުން، ޑެންމާކުން އެސައިލަމް ހޯދާފައިވާ ބޭރު މީހުންގެ އަތުން 1،450 އެމެރިކާ ޑޮލަރަށް ވުރެ އަގު ބޮޑު ނުވާނެ ވަރަށް މުދާ، ސަރުކާރަށް ނެގޭނެ އެވެ.

އެގޮތުން އަތުކުރި ގަޑި، މޯބައިލް ފޯނު އަދި ކޮމްޕިއުޓަރު ފަދަ ތަކެތި ޑެންމާކް ސަރުކާރަށް، ރެފިއުޖީންގެ އަތުން ނެގޭނެ އެވެ. ނަމަވެސް ކައިވެނީގެ އަނގޮޓިއާއި، އާއިލީ ފޮޓޯއާއި މެޑަލް ފަދަ ތަކެތި، ސަރުކާރަށް ނަގާ "މުދަލުގެ" ތެރޭގައި ނުހިމެނެ އެވެ.

ޑެންމާކުގެ ހިމާޔަތް ހޯދާ ބޭރު މީހުންގެ މުދާ ޑެންމާކް ސަރުކާރަށް ނެގުމުގެ ހުއްދަ ދޭ ޤާނޫނު، ޑެންމާކްގެ ޤާނޫނު ހަދާ މަޖިލީހުން ފާސްވީ 81 ވޯޓުންނެވެ. އެ ބިލާއި ދެކޮޅަށް 27 މެމްބަރުން ވޯޓުލި އިރު، ވަކި ކޮޅަކަށް ނުޖެހި އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

މި ޤާނޫނާ އެކު ދުނިޔޭގެ ގިނަ ޤައުމުތަކަކާއި ޖަމިއްޔާތަކަކުން އަންނަނީ ޑެންމާކަށް ނުރުހުން ފާޅު ކުރަމުންނެވެ. ޑެންމާކަކީ ހުރިހާ ކަމެއްގައިވެސް މެދުމިނަށް ހިތްވަރުދޭ، އަދި މަދަނީ، އިޖްތިމާޢީ އަދި ޑިމޮކްރެޓިކް ހަމަތައް ދިރުވައި އާލާކުރުމަށް ޔޫރަޕުގައި ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ޤައުމެކެވެ.

މި ޤާނޫނާ ބެހޭގޮތުން އެމްނެސްޓީ އިންޓަނޭޝަނަލުން ބުނީ، މެދުއިރުމަތީގެ ރެފިއުޖީން ގިނަ އަދަދަކަށް ޔޫރަޕުގެ ޤައުމުތަކުގެ ހިމާޔަތުގެ ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި، ޔޫރަޕުގެ ޤައުމަކުން މި ޤާނޫނު ފާސްކުރީ ވަކި ބަޔަކު އިޖްތިމާޢީ ގޮތުން ދަށްކޮށްލުމުގެ ނިޔަތުގައި ކަމަށެވެ.

އެހެން ނަމަވެސް ޑެންމާކުގެ ސަރުކާރުން މިކަމާ ދެކޮޅު ހަދަ އެވެ. ޑެންމާކުގެ ސަރުކާރު ހިންގާ ލިބަރަލް ޕާޓީން ބުނީ، އެ ޤާނޫނު ފާސްކުރީ، ޑެންމާކުގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގައި، ރެފިއުޖީންގެ ގޮތުގައި އެޤައުމަށް އަންނަ މީހުންވެސް އެމީހުންގެ ރޯލު އަދާ ކުރާނެކަން ޔަޤީން ކުރުމަށް ކަމަށެވެ.

"ޑެންމާކުގެ ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން ހުރިހާ ރެފިއުޖީންނަށް ވެސް ސަރުކާރުގެ ފަރާތުން ހިލޭ ސިއްހީ ފަރުވާއާއި، ޕްރީސްކޫލުން ފަށައިގެން ޔުނިވާސިޓީއާ ހަމައަށް ހިލޭ ތައުލީމާއި، މުސްކުޅިވާ ދުވަހު އަޅައިލުމާއި، ބަހަވީ ތަމްރީނާއި އެހެނިހެން ތަމްރީނުތައް ވެސް ލިބޭނެ. މިއީ ސަރުކާރުގެ ފަރާތުން ޚަރަދުކުރާ ކަންކަން،" ލިބަރަލް ޕާޓީގެ ތަރުޖަމާނަކު ބުނެފައިވެ އެވެ.