19 Apr 2011, 10:41
އިސްލާމާއި ދިވެހި އުގެނުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް މަޖުބޫރު މާއްދާތަކެއްގެ ގޮތުގައި ބާއްވަން ގައުމީ މަންހަޖު އިސްލާހު ކުރާ ކޮމެޓީން ނިންމައިފި އެވެ.
ގައުމީ މަންހަޖު އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅާފައި ވަނީ މަތީ ސާނަވީ ގުރޭޑް ތަކުގައި އިސްލާމާއި ދިވެހި މަޖުބޫރު މާއްދާތަކަކަށް ހެދުމަށެވެ. އެކަމާ ގުޅިގެން ބެލެނިވެރިންގެ ރުޅިވެރިކަމާއި ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.
ކަރިކިއުލަމް ރިފޯމް ސްޓެއަރިން ކޮމެޓީގެ މެންބަރު ޑރ. ނާޝިއާ މުހައްމަދު މިއަދު ވިދާޅުވީ ގައުމީ މަންހަޖަށް ގެންނަން ފެންނަ ބޮޑެތި އިސްލާހުތަކާއި ގުޅޭގޮތުން މިދިޔަ ހަފުތާގައި ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު ނިންމީ ދިވެއްސާއި އިސްލާމް ދެ މާއްދާއަކީ މިހާރު ވެސް އޮންނަ ގޮތަށް އުނގެނުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް މަޖުބޫރު މާއްދާތަކަށް ހެދުމަށް ކަމަށެވެ.
"ރައްޔިތުންގެ ޝުއޫރުތަކާއި އަދި އިސްލާމީ ބައެއް ގައުމުތުތަކުގެ މަންހަޖުތަކަށް ބެލުމަށް ފަހު އެ ގައުމުތަކުގައި ވެސް އެ ގޮތަށް ކަންތައް ކުރާތީ އަޅުގަނޑުމެން ނިންމީ އެ ދެ މާއްދާ މިހާރު ވެސް އޮންނަ ގޮތަށް މަޖުބޫރު މާއްދާތަކަށް ހަދަން. އެއީ އިސްލާމް ގައުމުތަކުގަ ވެސް އެކަން އެގޮތަށް އޮންނަނީ،" ޑރ. ނާޝިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަތީ ސާނަވީ ގްރޭޑްތަކުގައި ދިވެހި އިސްލާމް އިހުތިޔާރީ މާއްދާތަކެއްގެ ގޮތުގައި ހެދުމަށް މަޝްވަރާތަކެއް ކުރެވުނީ ދަރިވަރުންނަށް ފުލެކްސިބިލިޓީއެއް ދިނުމަށް ކަމަށެވެ.
އެ މަޝްވަރާތަކާއި ގުޅިގެން އޭރު ވަޒީރަކަށް ހުންނެވި އަދި މިހާރު ދިވެހި ގައުމީ ޔުނިވާސިޓީގެ ޗާންސެލާގެ މަގާމު ފުރުއްވަމުން އަންނަ ޑރ. މުސްތަފާލުތުފީގެ އިސްތިއުފާއަށް ބައެއް ދީނީ ޖަމްއިއްޔާތަކުން ވަނީ އަޑު އުފުލާފަ އެވެ. ހަމަ އެ ދުވަސްވަރު ދިވެހި އިސްލާމް މަޖުބޫރުކުރުމަށް ގޮވާލާ ގަރާރެއް ވެސް މަޖިލީހަށް ވަނީ ވައްދާފަ އެވެ.