މަޝްހޫރު ޓެކްނޮލޮޖީސް ކުންފުނި އެޕަލްގެ އައިފޯން 6އެސް އަކީ ގިނަ ބައެއްގެ މެދުގައި މަޤްބޫލުވެފައިވާ ފޯނެކެވެ. އެޕަލްއިން މި ފޯނު އެކުންފުނީގެ އޮންލައިން ސްޓޯރުގައި ވިއްކަނީ 649 އެމެރިކާ ޑޮލަރަށެވެ. ނަމަވެސް އެކި ޤައުމުތަކުގައި އައިފޯނު 6އެސް ވިއްކަނީ އެކި އަގުތަކުގަ އެވެ.

"ސީއެންއެން މަނީ"އިން ބެލި ގޮތުގައި، އެކި ޤައުމުތަކުގައި އައިފޯނުގެ އަގު ވަރަށް ބޮޑަށް ތަފާތެވެ. އެޕަލްއިން 649 ޑޮލަރަށް ވިއްކާ ފޯނު ބައެއް ޤައުމުތަކުގައި 636 އެމެރިކާ ޑޮލަރަށް ހުރި އިރު، 1،000 އެމެރިކާ ޑޮލަރުގެ ބޮޑު އަގުގައި ވެސް އެ ފޯނު ވިއްކަ އެވެ.

ސީއެންއެން މަނީއިން ބެލި ބެލުމުން އެނގުނު ގޮތުގައި، އައިފޯން 6އެސް އެންމެ އަގު ހެވީ ކެނެޑާގަ އެވެ. އެޤައުމުގައި އެ ފޯނު 636.18 އެމެރިކާ ޑޮލަރަށް ލިބެން ހުރެ އެވެ. ދެން އެ ފޯނު އެންމެ އަގުހެވީ އެކުވެރި އަރަބި އިމާރާތުގަ އެވެ. އެ ޤައުމުގައި އަގަކީ 707.64 ޑޮލަރެވެ. ހޮންގްކޮންގްގައި އައިފޯނު 6އެސް 717.52 ޑޮލަރަށް ލިބޭ އިރު، ރަޝިޔާގައި 730 ޑޮލަރަށް، އަދި ޓައިވާނުގައި 731 ޑޮލަރަށް އެ ފޯނު ލިބެ އެވެ.

އައިފޯނު އެންމެ އަގު ބޮޑުކޮށް ބާޒާރުގައި ވިއްކަން ހުންނަނީ ތުރުކީގަ އެވެ. އެޤައުމުގައި އައިފޯނުގެ އަގަކީ 1029.41 ޑޮލަރެވެ. ދެން އައިފޯނު 6އެސްގެ އަގު އެންމެ ބޮޑީ ބްރެޒިލްގަ އެވެ. އެޤައުމުގައި އައިފޯނު 6އެސްގެ އަގަކީ 973.61 ޑޮލަރެވެ.

މި އަގުތަކަކީ، އެ ޤައުމެއްގައި އައިފޯނު 6އެސް ވިއްކާ އަގުގެ، އެމެރިކާ ޑޮލަރަށް ބަދަލު ކުރުމުން ޖެހޭ ވަރެވެ.