26 Jan 2016, 23:58
މޯލްޑިވްސް އިންޓަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ގދ. ތިނަދޫގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓުގެ އެހީގައި އެ ރަށުގެ ބަނދަރުމަތި ދިއްލައި، ރަށުގެ ރައްޔިތުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
ހުވަދު އަތޮޅުގައި އެންމެ ބޮޑު އާބާދީއެއް އޮންނަ ތިނަދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ރަަށުގެ އިންޖީނުގެ އަނދައި ހުލިވުމުން، މުޅި ރަށުން ކަރަންޓު ކެނޑި، ރައްޔިތުން ވަނީ އަސާސީ ހިދުމަތްތަކުން މަހުރޫމްވެފަ އެވެ.
މިފްކޯގެ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ ތިނަދޫގައި ހުންނަ އައިސް ޕްލާންޓު މެދުވެރިކޮށް ރަށުގެ ބަނދަރުމަތި ދިއްލާފައި ވަނީ މިރޭ 8:00 ގެ ފަހުން ކަމަށެވެ. އަދި އެ ރަށަށް ބަނދަރުކޮށްފައި އޮތް "ރަންދި 25"ގެ ބޯޓުން ބަނދަރުމަތި އިތުރަށް އަލިކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިނަދޫ ވިޔަފާރިވެރިންގެ ފިހާރަތަކާއި ގެތަކުގައި ހުރި ފިނިކުރި މުދާ ތިނަދޫ އައިސް ޕްލާންޓުގައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އައިސް ޕްލާންޓުން ރައްޔިތުންނަށް ބޭނުން ވަގުތަކު ފޯނު ޗާޖު ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިދީފައިވާ ކަމަށް މިފްކޯގެ އޮފިޝަލް ވިދާޅުވި އެވެ.

ފިހާރަތަކާއި ގެތަނުގެ ފިނިކުރި މުދާ މިފްކޯގެ އަސްޕްލާންޓުގައި ފިނިކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި
މިފްކޯއިން އުފައްދާ "ބޮނެފެނެ"ގެ ގިނަ އަދަދެއްގެ ފެން ކޭސްތަކެއް އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ހަދިޔާކޮށްފަ އެވެ. އަދި އެމެޖެންސީ ހާލަތުގައި 800 އަށް ވުރެ ގިނަ ފެން ގޭސް ބެހުމަށް އެ ރަށަށް ވަނީ ގެންގޮސްފަ އެވެ.

ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުނަށް ދިނުމަށް ގެންގޮސްފައި ހުރި ފެން ކޭސްތައް-- ސަން ފޮޓޯ
އަބާދީގައި 10،000 މީހުން ދިރިއުޅޭ ތިނަދޫއިން ކަރަންޓު ކެނޑިފައިވުމުން އެ ރަށަށް ސަރުކާރުގެ ކުންފުނިތަކުން ދަނީ ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މޯލްޑިވިއަންގައި ކާޑެއްދޫއަށް ދިއުމުގެ އަގު ހެޔޮކޮށްފައިވާއިރު، ތިނަދޫއަށް އެހީވުމަށް ގެންދާ މުދާ އުފުލުމަށް އަގު ނުނަގަން މޯލްޑިވިއަންނުން ވަނީ ނިންމާފަ އެވެ.
އުރީދޫ އާއި ދިރާގުން ވެސް ވަނީ ތިނަދޫއަށް ވަގުތީ ގޮތުން ޖަނަރޭޓަރުތަކެއް ހަދިޔާކޮށްފަ އެވެ. އަދި ފޯނު ޗާޖު ކުރެވޭނެ އިންތިޒާމް ވެސް ވަނީ އެ ރަށުގައި ހަމަޖައްސާފަ އެވެ.