27 Jan 2016, 08:46
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ އިންތިހާބުގައި އެ އިދާރާގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވާ ފަސް ބޭފުޅުންގެ ނަންތައް ފީފާއިން އިއުލާން ކޮށްފިއެވެ.
އަންނަ މަހު 26 ވަނަ ދުވަހު ސްވިޒަލޭންޑްގެ ޒިއުރިކްގައި ބާއްވާ އެ އިންތިހާބްގައި ފީފާގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން ފީފާއިން ސޯޓްލިސްޓް ކޮށްފައިވަނީ ޔުއެފާގެ ޖެނަރަލް ސެކްރެޓަރީ އިޓަލީގެ ގިއަންނީ އިންފާނިއޯ އާއި ސައުތު އެފްރިކާގެ ޓޯކިއޯ ސެކްވޭލް އާއި އުރުދުންގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޕްރިންސް އަލީ ބިން ހުސެއިން އާއި ފްރާންސްގެ ޖެރޯމް ޝެމްޕޭންގެ އިތުރުން އޭސިއަން ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް އަދި ފީފާގެ މިހާރުގެ ނައިބް ރައީސް ބަޚްރެއިންގެ ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާއެވެ.
ފީފާގެ އިންތިހާބް އަންނަ މަހު ބާއްވާން ނިއްމާފައިވަނީ ފީފާގެ މިހާރުގެ ރައީސް ސެޕް ބްލެޓާ އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވުމާއި ގުޅިގެންނެވެ.
ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ބްލެޓާ ކުޅިވަރުގެ ހުރިހާ ހަރަކާތް ތަކަކުން އަށް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވާއިރު ފީފާގެ ރައީސް ކަމަށް އަންނާނެ ކަމަށް ކުރިން އެންމެ ބޮޑަށް ބެލެވިފައިވަނީ ޔުއެފާގެ ރައީސް މިޝޭލް ޕްލެޓްނީ އެވެ. ނަމަވެސް ބްލެޓާއާ އެކު އޭނާ ވެސް ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތް ތަކަކުން އަށް އަހަރަށް ސަސްޕެންޑް ކުރެވިފައެވެ.
އެހެން ކަމުން ޕްލެޓްނީގެ ނަން އަނބުރާ ފޮނުވާލުމުން އޭނާ ވަނީ އެ މައްސަލަ ފީފާގެ އެޕީލް ކޮމެޓީއަށް ހުށަހަޅާފައެވެ. އަދި އެ ކޮމެޓީއިން އެ މައްސަލަ ކާމިޔާބް ނުވެއްޖެ ނަމަ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އަށް ހުށަހަޅާނެ ކަމަށް ޕްލެޓްނީ ވަނީ ބުނެފައެވެ.
ފީފާގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ފަސް ބޭފުޅުންގެ ތެރެއިން އެ މަގާމަށް އެންމެ ވާދަކުރާނެ ކަމަށް ބެލެވިފައިވަނީ ޝެއިޚް ސަލްމާންގެ އިތުރުން ގިއަންނީ އިންފާނިއޯ އެވެ.