27 Jan 2016, 08:44
ރާއްޖޭގައި އއ. ތޮއްޑޫ މަޝްހޫރުވެފައި ވަނީ ކޮންމެ އަހަރަކު ރޯދަ މަހު އެންމެނަށް ބޭނުންވާ ވަރަށް ކަރާ ހައްދާ ބިން މޮޅު، ދަނޑުވެރި ރަށުގެ ގޮތުގަ އެވެ. ނަމަވެސް ޔޫރަޕްގެ މެދު ފަންތީގެ ޓޫރިސްޓުންގެ މެދުގައި އެރަށް މަޝްހޫރުވަމުން އަންނަނީ އެރޭނެ ރީތީ މޫދެއް އޮންނަ، ހަމަ ހިމޭން ހިތްފަސޭހަ، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގަ އެވެ.
ފަޅޮލާއި ބަށްޓާއި ކަރަޔާއި ބިލެތް ހެއްދުމުގައި ހޭބޯ ނާރާ އުޅުނު ތޮއްޑޫ މީހުން ވެސް ރާއްޖެ އަށް ތައާރަފްވި ލޯކަލް ޓޫރިޒަމްގެ މަސައްކަތަށް ވަރަށް އަވަހަށް ޝައުގުވެރިވި އެވެ. އިސާހިތަކު ގެސްޓްހައުސްތައް އިމާރާތް ކުރި އެވެ. އާބާދީގައި 2000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ތޮއްޑޫގައި މިހާރު 14 ގެސްޓް ހައުސް ހުރެ އެވެ. އެއީ 80 އެނދެވެ.
ތޮއްޑޫގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުން ބުނާ ގޮތުގައި އެ ވިޔަފާރި ވަރަށް ރަނގަޅެވެ. އެންމެ ރަނގަޅު ކަމަކީ އެ ވިޔަފާރި ހިންގަން ކުރަން ޖެހޭ ހަރަދު ކުޑަ ވުމެވެ. އެހެންވެ، ވަރަށް މަދު ޓޫރިސްޓުން ތިބޭ ވަގުތުތަކުގައި ވެސް ގެއްލުން ނުވެ ކުރިއަށް ގެންދެވެ އެވެ.
"... ބެލެންސް ނުވާ މަހެއް ނުދޭ. އޮކިޕެންސީ އަސްލު އެހާ މައްޗަށް ދާކަށް ވެސް ނުޖެހޭ ބެލެންސް ކުރާކަށް ވެސް ހަގީގަތުގައި. މީ 17 ކޮޓަރީގެ ތެރެއިން 1.5 ރޫމް އޮކިއުޕައި ވެފައި ހުއްޓަސް ބެލެންސް އެބަ ކުރެވޭ. އެހާ މާޖިން ހައި ރަނގަޅު ވިޔަފާރިއެއްމީ،" ތިން ގެސްޓް ހައުސްއާ އެކު ޖުމްލަ 17 ކޮޓަރި ހިންގާ ، ސެރިން ސްކައި ގެސްޓްހައުސްގެ މެނޭޖަރު އަހުމަދު ކަރަމް ބުންޏެވެ.
ސެެރެން ސްކައި ގެސްޓްހައުސްގެ މެނޭޖަރު އަދި އެއް އޯނަރު އަހުމަދު ކަރަމް ސަންއާ ވާހަކަ ދައްކަނީ. ސަން ފޮޓޯ: ފަޔާޒް މޫސާ
ދަނޑުވެރިކަމުގެ މަސައްކަތުގައި ކުރިން އުޅުމަށް ފަހު އެމަސައްކަތް ދޫކޮށް، ގެސްޓްހައުސް ވިޔަފާރިއަށް އެނބުރުނު އިބުރާހީމް ޝާނީޒްއާ އެކު ޕާޓްނަޝިޕް ވިޔަފާރިއެއްގެ ގޮތުގައި ފެށި ވިޔަފާރިއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރަމް ބުނީ ފެށި އިރު ކުރިމަތިވި ގިނަ ގޮންޖެހުންތައް މިހާރު ނެތިގޮސްފައިވާ ކަމަށެވެ.
"... ފުރަތަމަ ހުރި ޗެލެންޖަސްތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތައް ރަނގަޅުވެފައި ހުރީ. އާ ޑެސްޓިނޭޝަންއެއް ވީމާ ހުރި ޗެލެންޖަސްތައް. މާކެޓް ކުރުމަށް އޭރު ކުރަން ޖެހުނު މަސައްކަތްތަކާ، އޭރުގައި ދަތުރުކުރަން މިއޮތީ ހަމަ އެކަނި މިރަށުގެ ފެރީ، ދެން އެމްޓީސީސީ ފެރީ، އެކަމަކު މިހާރު ލޯންޗެއް ގެނެސްފައި ޝެޑިއުލްކޮށް ފެށީމާ އޭގެ ވަރަށް ބޮޑު ހައްލެއް އައީ. ދެން އޭރުގައި ފިހާރަތަކުގައި ހުރީ މިރަށުގެ ހަމަ ދައުރު ނުވާ ބަންދުވެފައި ތިބި 2000 މީހުންގެ އާބާދީއަކަށް ބޭނުންވާ އެއްޗެހި، ފިހާރަތަކުގެ ހަރުތަކުގައި ހުރީ. މެނޫ ތަކުގައި ކެފޭތަކުގައި ހުރީ ވެސް ހަމަ ވަރަށް ލިމިޓެޑް އެއްޗެހި. އެކަމަކު މިހާރު އެކަންތައްތައް ރަނގަޅުވެގެން އައިސްފައި ވަނީ،" ކަރަމް ބުންޏެވެ.
ސެެރެން ސްކައި ގެސްޓްހައުސްގެ މެނޭޖަރު އަދި އެއް އޯނަރު އަހުމަދު ސެރެން ސްކައިގެ ބޭރުގައި ސަންގެ އެޑިޓަރު އަހުމަދު ޒާހިރު ( ހިރިގާ) އާ ވާހަކަ ދައްކަނީ.
ކަރަމް ބުނީ ގެސްޓްހައުސް ހިންގަންގުމަށް ހިނގާ ހަރަދު ނިސްބަތުން ކުޑަ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުން ވަނީ ވަރަށް މަދު އަދަދެއްގެ މުވައްޒަފުންކަން އޭނާ ފާހަގަ ކުރި އެވެ.
ތޮއްޑޫގައި ހިންގާ އެހެން ގެސްޓްހައުސްއެއް ކަމަށްވާ ބްލޫ ވޯޓާ ތޮއްޑޫ އިން އިން ވެސް ބުނީ އެހެންނެވެ.
"... އަޅުގަނޑުމެންގެ ގެސްޓްހައުސްގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަނީ އެންމެ ތިން މީހުން. އެއީ ކޮންމެ މީހަކުވެސް މިތަނުގައި ކުރަން ޖެހޭ މައިގަނޑު ހުރިހާ މަސައްކަތެއް ވެސް ކުރާތީ. މިސާލަކަށް މިތާ ހުންނަ ޝެފް، އޭނާ ކުރާނެ ކެއްކުމާއި ޓޫރިސްޓުންނަށް ކާންދޭ ވޭޓަރެއްގެ މަސައްކަތާ ރަށު ތެރެ ދައްކާލަން ގެންދިއުން ފަދަ ހުރިހާ ކަމެއް ވެސް،" ބްލޫ ވޯޓާ ތޮއްޑޫ އިންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކަރަމް ބުނީ ގެސްޓްހައުސްތަކުގައި މަސައްކަތް ކުރަން އާއްމުކޮށް ގެންގުޅެނީ ބިދޭސީން ކަމަށެވެ. އެހެން ނަމަވެސް އެހާ ކުރާ ހިތްވާ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
"... ދިވެއްސަކަށް އުޅެވޭނީ ތަންކޮޅެއް ބޮޑު މުސާރައެއްގައި، ދެން މުސާރައަށް އެހާ ބޮޑު ހަރަދެއް ކުރެވޭކަށް އަދި ނޯވޭ،" އޭނާ ބުންޏެވެ.
ލޯކަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފްކުރި ދުވަސްވަރު އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ފަރާތްތަކުން އެންމެ ބާރުލާފައި ދެއްކި ވާހަކަ އަކީ ގެސްޓްހައުސްތަކަށް އަންނާނީ އެންމެ ދަށު ދަރަޖައިގެ ޓޫރިސްޓުން ކަމަށް ބުނެ ދެއްކި ވާހަކަ އެވެ. އަދި އެކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ކުރިމަތިވާނެ ކަމަށް ބުނެ ދެއްކި ވާހަކަ އެވެ. ނަމަވެސް ކަރަމް އެވާހަކަ ދޮގު ކުރެއެވެ.
"... އަސްލު ބެކްޕެކާސް އަށް އެފޯޑް ކުރެވޭ ވަރަށް ވުރެ އަގުބޮޑު ރާއްޖޭގައި ގެސްޓްހައުސް. އަސްލު ބެކް ޕެކާސް އޭ ކިޔާފައި އެބަސް އެންމެ ފުރަތަމަ ބޭނުންކުރެވެން ފެށީ، އެއްކަލަ ގެސްޓްހައުސް ހެދީމާ ރަށް ރަށަށް ދެން އަންނާނީ ބެކްޕެކާސްއޭ. ރަށް ރަށުގެ މިހިރީ ގާތްގަނޑަކަށް 100 އާ ގާތްކުރާ އަދަދެއްގެ ޑޮލަރަށް، އެވަރަށް ރޫމް ގަނެގެން ބެކް ޕެކާސްއަކަށް ނާދެވޭނެ،" އޭނާ ބުންޏެވެ.
ކަރަމް ބުނީ އޭނާގެ ގްރޫޕުން ހިންގާ ގެސްޓްހައުސްތަކަށް އާއްމުކޮށް ޓޫރިސްޓުން އަންނަނީ ޔޫރަޕްގެ ގައުމުތަކުން ކަމަށާއި އެމީހުންނަކީ ރަނގަޅު މިންވަރަކަށް ހަރަދުކުރާ މީހުން ކަމަށެވެ.
ގެސްޓްހައުސްތައް ހިންގުމުގައި ކުރަން ޖެހޭ އެންމެ ބޮޑު އެއް މަސައްކަތަކީ މާކެޓް ކުރުމެވެ. ކަރަމް ބުނީ ގައުމީ ފެންވަރުގައި ޓޫރިޒަމް މާކެޓް ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ގެސްޓްހައުސް ވިޔަފާރި ނުހިމަނާތީ އެމަސައްކަތް ކުރަން ޖެހެނީ އަމިއްލައަށް ކަމަށެވެ.
"... އަޅުގަނޑުމެން އަމިއްލައަށް. ގާތްގަނޑަކަށް 100 އަށް ވުރެ މަދެއް ނުވާނެ، ދިވެހިން ވެސް އަދި ބޭރު މީހުން ވެސް އައިސް ސެސިން ސްކައިގައި ނިދާފައި ކައިގެން، ފޮޓޯ ނަގާފައި އެހެން ކަންތައްތައް ކޮށްފައި. ބްލޮގަރުންނާ އެހެން ގޮސް، މިތާނގައި ތިބެފައި ދިޔަ މީހުން،" އޭނާ ބުންޏެވެ.
ކަރަމް ބުނީ މާކެޓް ކުރުމަށް ޓަކައި އިންޓަނެޓް ވެބްސައިޓްތަކަށް ވެސް ފައިސާ ހަރަދުކުރާ ކަމަށެވެ. އޭނާ ބުނީ ޓޫރިޒަމްގެ ފެއާއެއްގައި ބައިވެރިވާން އަދި ލިބުނީ އެންމެ ފުރުސަތެއް ކަމަށެވެ.
ލޯކަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެ ވިޔަފާރީގައި އުޅޭ މީހުން މަސައްކަތްކުރާ އިރު އެ މަސައްކަތާ މެދު ދިވެހިންގެ އޮން ބޮޑު ޝަކުވާއެއް އޮވެ އެވެ. އެއީ މީހުން އުޅޭ ރަށްތަކަށް އަންނަ ޓޫރިސްޓުންގެ ސަބަބުން، ރާއްޖޭގެ މުސްލިމް އާއިލާތަކަށް، ހާއްސަކޮށް ޅަދަރީންނަށް ފެންނަން ނޭދޭ ފަދަ މަންޒަރުތައް ފެނުމެވެ. ތޮއްޑޫ އަކީ ވެސް އެކަމުން އިސްތިސްނާ ވާ ރަށެއް ނޫނެވެ.
"... އަޅުގަނޑުމެން ވަރަށް އެކަމަށް ސަމާލުކަން ދެން. އެހެން ނަމަވެސް ދެން ހަމަ ކޮންމެވެސް ވަރަކަށް އެބަހުރޭ. ދެން އަޅުގަނޑަކަށް ނޭނގޭ ބައެއް ފަހަރު އެމީހާއަށް މައުލޫމާތު ނުލިބުނީ ކަމެއް. އަޅުގަނޑުމެންގެ ހަމަ ކޮންމެ ކޮޓަރިއެއްގެ ދޮރުގައި ވެސް ޑްރެސްކޯޑާއި ހުރިހާ އެއްޗެއް ހިއްޕާފައި ހުންނާނެ. އަނެއްކާ ހަމަ ފުރަތަމަ މައުލޫމާތު ދޭ ދުވަހު އެމީހުންގެ އޮން އެރައިވަލްގައި ގޮސް ބީޗް ދައްކައި، އެ ސަރަހައްދު ދައްކާ ޑްރެސްކޯޑާ އެއްޗެހި ކިޔައިދީ ހަދަން،" ކަރަމް ބުންޏެވެ.
ގެސްޓްހައުސްތައް ރަށުގައި ގިނަވީމާ، އެ ވިޔަފާރި ނުކުރާ އާއިލާތަކަށް އޮތީ ކޮން ފައިދާއެއްހޭ މީހަކު އަހާފާނެ އެވެ. އެ ސުވާލަށް ތޮއްޑޫން ދެނީ ވަރަށް ފުރިހަމަ ޖަވާބެކެވެ.
" ޓްރާންސްޕޯޓް، އެބަ ބޭނުންވޭ އެކި ލެވެލްގައި މީހުން އަންނަ ތަނެއް ވީމާ، އެކި ފަންތީގެ ޓްރާންސްޕޮޓޭޝަން، ކޮމިއުނިކޭޝަންއާ ބެހޭ ވަސީލަތްތައް. ފިހާރަތަކުގެ ހަރުތަކުގައި އެބަ ހުންނަން ޖެހޭ ކުރިން ނުހުންނަ އެތައް ވައްތަރުތައް، ދިވެހިންގެ ތެރޭގައި ހަދައި، ކައިބޮއި އުޅުނު އެއްޗެހި، ހަމަ އެކަނި އީދަށް ހަދާ އެއްޗެހި އެބަ ބޭނުންވޭ އަހަރު ދުވަހު ހަދާފައި ބަހައްޓަން. އެއީ ޓޫރިސްޓަށް ރަހަ ދެއްކޭނީ ހަދައިގެންތާ،" ލޯކަލް ޓޫރިޒަމްގެ ސަބަބުން ރަށުގައު އުފެދޭ އިގުތިސާދީ އެހެން ހަރަކާތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރަމް ބުންޏެވެ.
ތޮއްޑޫގެ އުމުރުން ދުވަސްވީ މީހަކު މަހެއް ހިފައިފެން ގެއަށް ދަނީ.
އެރަށާ ބެހޭ ގޮތުން ޓޫރިސްޓުން ކުރަނީ އެންމެ ޝަކުވާއެކެވެ. އެއީ އެރަށުގައި އުފެދޭ ކުނި ރަނގަޅަށް މެނޭޖް ނުކުރެވޭ ކަމުގެ ޝަކުވާ އެވެ.
ތޮއްޑުއަށް ދާ ޓޫރިސްޓުންނަށް ލިބޭ އެންމެ ބޮޑު އެއް އުފަލަކީ ޒަމާނުއްސުރެ، އެކަމެއްގެ ސަބަބުން އެރަށް މަޝްހޫރުވެފައިވާ ދަނޑުވެރިކަމެވެ. އެހެނީ ދެބައި ހަމައާ ކައިރީގައިވާ ޓްރޮޕިކަލް ގައުމުތަކަށް ދަތުރުކުރާ ޓޫރިސްޓުން ކުރަން އެންމެ ބޭނުންވާ އެއް ކަމަކީ އެފަދަ ގައުމުތަކުގައި ނޫނީ ނުހެދޭ މޭވާތައް ތާޒާ ކަމާ އެކު ކެއުމާއި އެފަދަ މޭވާތަކުން ފަނި ގިރައިގެން ބުއިމެވެ.
ކަރަމްގެ އެވާހަކައަށް ބާރު ލިބެނީ ޓޫރިސްޓުން ވެސް އެހެން ބުނާތީ އެވެ.
"...އެހެއް ރަށްރަށަށް ދަތުރުކޮށްފައި އަންނަ މީހުން، މިރަށުގެ މި ތިމާވެއްޓާ މެދު ވަރަށް ބޮޑަށް ހިތް ހަމަ ޖެހޭ. އެއީ ތަންކޮޅެއް ރަށްފުށު އިހުސާސް އެމީހުންނަށް ލިބޭ ކަން. ހާއްސަކޮށް ޓްރޮޕިކަލް ގައުމުތަކަށް ދަތުރުކުރާ ދަތުރުވެރިންނަނީ އެމީހުންގެ ޗުއްޓީގައި ޓްރޮޕިކަލް މޭވާތައް ބޭނުންވާ ބައެއް، އޭގެ ޖޫސް ބޭނުންވާ ބައެއް. އޭއްޗިހި ހަމަ ސީދާ ގަހުން އެމީހުން ބިނދެގެން ފަޅޯ ޖޫސް ކަހަލަ އެއްޗެހި ގިރަން ލިބުން،" ތޮއްޑުއަށް ޓޫރިސްޓުން އަންނަ ސަބަބުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރަމް ބުންޏެވެ.
ޓޫރިސްޓުން ތޮއްޑުއަށް ޒިޔާރަތް ކުރަންވީ ކީއްވެކަން އެރަށަށް ކުރިން ޒިޔާރަތް ކުރި ބައެއް މީހުން ވަނީ ވަރަށް ރަނގަޅަށް ކިޔައިދީފަ އެވެ.
ބްލޫވޯޓާ ތޮއްޑޫ އިން ގައި ޗުއްޓީ ހޭދަކުރި ރަޝިޔާގެ އެއް އާއިލާއެއްގެ ފަސްމީހުންގެ ފަރާތުން ވާހަކަ ދެއްކި އަނަސްތޭޒިއާ ބުނެފައި ވަނީ އެއްވެސް "އެއްވެސް ބަދަލެއް ނައިސް އޮތް، ދިވެހިރާއްޖޭގެ ހަގީގީ ގުދުރަތީ ރީތިކަން ދެކެން ބޭނުމިއްޔާ ދާންވީ ތޮއްޑުއަށް" ކަމަށެވެ.
ތޮއްޑޫގެ ފަޅޯ ދަނޑެއް. ޓޫރިސްޓުން ތޮޮއްޑުއަށް ޓޫރިސްޓުން ޝައުގުވެރިވާ އެއް ކަމަކީ އެރަށުގެ ދަނޑުވެރިކަން.
"... އަހަރެމެން އެއް ދުވަހު ޓޫރިސްޓް ރިސޯޓެއްގައި ތިބީމެވެ. ބަދަލެއް ނުގެނެސް އޮތް، ދިވެހިރާއްޖޭގެ ހަގީގީ ގުދުރަތީ ރީތިކަން ދެކެން ބޭނުން ނަމަ ، ހަމަ ޔަގީނުން ވެސް މީހުން އުޅޭ ރަށްތައް މާ ޝައުގުވެރި ކުރުވައެވެ، ބްލޫ ވޯޓާ ތޮއްޑޫ އިން އާ މެދު ހިޔާލު ފާޅުކުރަމުން އޭނާ ބުނެފައިވެ އެވެ.
"...އަހަރެމެން އެރަށަށް ދިއުމުން އަހަރެމެންނަށް ލިބުނީ ތާޒާ ކުރުނބަލާއި ތާޒާ މޭވާގެ ވަށިގަނޑެކެވެ. އަހަރެމެންނަށް އެރަށް ފޭބުނީ ވަރަށް ފަތިހު އެވެ. ހަމަ ވަގުތުން ކޮޓަރި ލިބުނެވެ. އަދި އޭގެ އިތުރުން ހެނދުނުގެ ސައި ހިލޭ ލިބުނެވެ. އެތަނުގެ މުވައްޒަފުން އަހަރެމެންނަށް ރަށުތެރެ ދައްކައިލި އެވެ. އެހެން ޓޫރިސްޓަކު ބުނެފައިވެ އެވެ.
ތޮއްޑޫއަށް ޓޫރިސްޓުން ދާންވީ އެހެންވެ އެވެ. އެތެރެ އާއި ބޭރުގެ ޓޫރިސްޓުން ވެސްމެ އެވެ.