26 Jan 2016, 19:04
ސިޔާސީ ހައްޔަރީންގެ ގޮތުގައި 1،700 ވަރަކަށް މީހުންގެ ތަހުގީގުކޮށް ދައުވާ ކުރަމުންދާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ދެއްކެވި ވާހަކަފުޅު ފުލުހުން ދޮގުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ވިދާޅުވެފައި ވަނީ ސިޔާސީ ބައެއް ފަރާތްތަކުން އެގޮތަށް ރާއްޖެއިން ބޭރުގައި ވާހަކަފުޅުދައްކަވަމުން އަންނައިރު، ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރު ތެރޭގައި ބޭއްވި ސިޔާސީ އެއްވުންތަކާއި ސިޔާސީ ހަރަކާތްތަކުގައި، އަމުރަށް ނުކިޔަމަންތެރިވެގެން ނުވަތަ ފުލުހުންގެ ދައުރާއި ވާޖިބު އަދާކުރުމަށް ހުރަސް އެޅުމާއި، ޓެރަރިޒަމްގެ އަމަލުތައް ހިންގައި އެފަދަ އަމަލުތަކަށް ހިއްވަރުދީ ވާހަކަ ދެއްކުމާއި، ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމާއި، އެއްވުން މަނާ ސަރަޙައްދުތަކާއި ތަންތަނަށް އެއްވުންފަދަ ކުށް ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 109 މީހުން ކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި 140 މީހެއްގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"ކަން މިހެން ހުރުމާއެކު ސިޔާސީ ބައެއް ފަރާތްތަކުން ރާއްޖޭގައި ސިޔާސީ ހައްޔަރީންގެ ގޮތުގައި ސަތާރަސަތޭކައެއްހާ މީހުން ތިބިކަމަށާއި އެހުރިހާ މީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވާކަމަށް ދައްކާ ވާހަކައަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާ ކުރުމެއްނެތި ދައްކަމުންގެންދާ ހަގީގަތާ ޚިލާފު ވާހަކަ ތަކެއްކަމުގައި ދަންނަވަމެވެ. އަދި އެފަދަ ވާހަކަތައް ނުދެއްކުމަށް އެފަދަ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައި ވެއެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ އިސްލާމްދީނުގެ ނަމުގައި ހަނގުރާމަ ކުރަން ކަމަށްބުނެ ދުނިޔޭގެ ކަންކޮޅުތަކުގައި ހަނގުރާމަ ކުރަމުންދާ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް ބައެއް ޖަމާއަތްތަކާ ގުޅިގެން 200 ވަރަކަށް ދިވެހިން ހަނގުރާމަކުރަމުން ގެންދާކަމަށް ރައީސް ނަޝީދު ތަފާތު އެކި ފޯރަމް ތަކުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވިދާޅުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ނަމަވެސް ހަނގުރާމަ ކުރުމަށާއި ޖިހާދުވުމުގެ ނަމުގައި ކަމަށްބުނެ ރާއްޖެއިން ބޭރަށް ގޮސްފައިވާ ދިވެހިންނާއި އެމީހުންގެ އާއިލާތައް ހިމަނައިގެންވެސް ރައީސް ނަޝީދު އެވިދާޅުވާ އަދަދުގެ ދެބައިކުޅަ އެއްބައިވާ ވަރަށް ދިވެހިން ރާއްޖެއިން ބޭރަށް ގޮސްފައިނުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ އެފަދަ ވާހަކަތަކަކީ އޭގެ ސަބަބުން ޤައުމުގެ މަސްލަހަތަށް ބޮޑެތި އަސަރުތަކެއްކޮށް ގައުމުގެ ސިޔާދަތާއި ވަހުދަތަށްވެސް އެކަމުގެ ގެއްލުން ލިބިގެންދާނެ ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމަށާއި ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަމަށް ބުރޫއަރައި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދުމަށް ފުރުސަތު ލިބިގެންދާކަންވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.
"އެހެންކަމުން ދައުލަތުގެ ރަސްމީ އިދާރާތަކުގެ ތަފާސް ހިސާބުތަކާއި ރަސްމީ މަޢުލޫމާތު ތަކާއި ޚިލާފަށް އެއްވެސް ފަރާތަކުން މިފަދަ ވާހަކަތައް ނުދެއްކެވުމަށް އިލްތިމާސް ކުރަމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.