ރާއްޖޭގައި ތިބި އިމާމުންގެ ފެންވަރުު މަތި ކުރުމުގެ ގޮތުން އިސްލާމިކު މިނިސްޓްރީ އާއި އިސްލާމިކު ޔުނިވާސިޓީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އިމާމު ޑިޕްލޮމާ ކޯހަށް ހޮވުނު ފަރާތްތަކާ ލިޔުން ހަވާލުކޮށްފި އެވެ.

އިމާމު ޑިޕްލޮމާ ކޯހަށް ހޮވުނު 28 ފަރާތާ ލިޔުން ހަވާލުކޮށްދެއްވީ މިއަދު އިސްލާމީ މަރުކަޒުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަލީ ޝަމީމު ވިދާޅުވީ، ހިނިތުންވާން ދަންނަ އަދި މީހުންނަށް ނަމޫނާ ބަޔަކަށް އިމާމުން ވާން ޖެހޭނެ ކަމަށެވެ.

"އިމާމުންނަކީ ހިނިތުންވާން ދަންނަ ހިތް ހެޔޮ އަތާ އަތްޖޯޑު ސަލާންކޮށް ހާލުއަހުވާލު ބަލައި އުޅޭ މީހުންނަށް ނަމޫނާ ދައްކާ، މީހުންނަށް އިތުބާރު ކުރެވޭ ފަރާތްތަކަކަށް އިމާމުންނާއި މުދިންމުން ވާން އެބަ ޖެހޭ"، ޑރ. އަލީ ޝަމީމު ވިދާޅުވިއެވެ.

ޑރ. ޝަމީމު ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް 800 އަށް ވުރެ ގިނަ މީހުން ޑިގުރީ ފެންވަރަށް ކިޔަވައިގެން ނުކުންނަ ކަމަށެވެ. އަދި އެފަރާތްތަކަށް ވަޒީފާ ހޯދުމަށް ސަރުކާރުންނާއި ސިވިލް ސާވިސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތާނގައި އަޅުގަނޑު އުއްމީދު ކުރަނީ އިލްމު ބާނީ ފުޅާވެގެންދާނެ ކަމަށް. ހިތު ދަސްކޮށްގެން ކަންކަން ކުރާ ބަޔަކަށްވެ، ޑިގުރީ ސެޓުފިކެޓާ އެކީގައި ހުރިހާ ކަމަކަށް ދީލާލައިގެން ނުދާނެ ގޮތަކަށް އެ ސެޓުފިކެޓާ އެކީގައި ހުނަރު މީހާގައި ހުންނަން ޖެހޭ،" ޑރ. ޝަމީމު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކު މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، އިމާމު ޑިޕްލޮމާ ކޯހަކީ ދާއިމީކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކޯހެއް ކަމަށެވެ. އަދި އަތޮޅުތަކުގެ އިމާމުންނަށް ހާއްސަކޮށްގެން އަންނަ މަހު އެފަދަ ކޯހެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ މުއައްސަސާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަކީ ގާބިލު އަދި ކަމަށް އަހުލުވެރި މީހުން ކަމުގައި ހެދުން"، މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އިމާމު ކޯހަށް ހޮވުނު ފަރާތްތަކުން ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާފަ އެވެ.

އިމާމު ޑިޕްލޮމާ ކޯހަކީ ދެ އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. އެ ކޯހަށް މީހުން ހޮވާފައި ވަނީ ރާއްޖޭގެ ތަފާތު ސަރަހައްދުތަކުންނެވެ.