މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ށ. ފޯކައިދޫ ޓީމު 2-3ގެ ނަތީޖާއަކުން ބަލިކޮށް ބ. އޭދަފުށި ހޯދައިފި އެވެ.

އައްޑޫ ސިޓީ ފުޓްބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު ތިން ވަނަ ހޮވި މެޗު ފެށިގެން އޭދަފުށީ ޓީމުން މޮޅަށް ކުޅެފައިވާއިރު އެ ޓީމުގެ މުހައްމަދު ރިޔާޒު ވަނީ ނުވަ ވަނަ މިނެޓްގައި ގޯލެއް ކާމިޔާބުކޮށް ލީޑް ނަގާފަ އެވެ. މެޗުގެ ކުރީ ކޮޅުގައި އެ ގޯލު އޭނާ ކާމިޔާބު ކުރީ އޭދަފުށީ ޓީމުގެ މުހައްމަދު ފާސިރު ހުރަސް ކޮށްލި ބޯޅަ އެއް އެ ޓީމުގެ ކުޅުންތެރިއެއް ބޮލުން ގޯލުގެ ކުރި މައްޗައް ހުރަސް ކޮށްލުމުން ގޯލު ކުރިމަތީގައި ހުސްކޮށް ހުރެ ހަމަޖެހިލާފަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އޭދަފުށީގެ އެ ގޯލަށް ފަހު ފޯކައިދޫން ވަނީ އެމީހުންގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސްތްކަތް ތަކެއްކޮށްފަ އެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން 20 ވަނަ މިނެޓްގައި ފޯކައިދޫގެ މުޝީރު ހިފައިގެން ދިޔަ ބޯޅަ އޭދަފުށީ ކީޕަރު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ އެ ޓީމުން ވަނީ އެއް ވަރު ކޮށްފައެވެ.

ފުރަތަމަ ހާފު އެ ނަތީޖާގައި އޮވެ ނިމުނު އިރު ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

ދެ ވަނަ ހާފު ފެށިގެން ދެ ޓީމިގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެވަނަ ފަހަރަށް އޭދަފުއްޓަށް ލީޑު ނަގައިދިނީ 70 ވަނަ މިނެޓްގައި މުހައްމަދު ފާސިރު އެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ އޭދަފުށީގެ މަޖީދު ފޯކައިދޫ ޕެނަލްޓީ އޭރިއާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލު ކުރިމަތީގައި ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އޭދަފުށީން ދެވަނަ ގޯލު ކާމިޔާބް ކުރިތާ ފަސް މިނެޓް ފަހުން އެ ޓީމުގެ އަބްދުލް ސަލާމް ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. އޭނާ އެ ގޯލު ކާމިޔާބް ކުރީ މުހައްމަދު ފާސިރު ފޯކައިދޫ ޕެނަލްޓީ އޭރިއާ ތެރެއަށް ހިފައިގެން އައި ބޯޅަ ހޯދުމަށް ކީޕަރު ނިކުތުމުން ގޯލު ކުރި މައްޗައް ހުރަސް ކޮށްލި ބޯޅަ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައި ގެންނެވެ.

މެޗުގެ ފަހު ވަގުތުކޮޅުގައި ފޯކައިދޫ އިން ރަނގަޅަށް ކުޅުނު އިރު 80 ވަނަ މިނެޓްގައި އެ ޓީމުގެ މުޝީރު ތަނަވަސް ކޮށްދިން ފުރުސަތަކުން އާދަމް ނަވާޒް ގޯލެއް ކާމިޔާބު ކޮށް ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ.

އެ ގޯލަށް ފަހު ވެސް ފޯކައިދޫ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސަތްކަތް ތަކެއް ކުރި ނަމަވެސް އޭދަފުށީ މުޅި ޓީމު ކަހަލަގޮތަކަށް ފަހަތަށް ޖެހި ވަނީ ވަރަށް ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.

އެ މުބާރާތުގެ ފައިނަލް މެޗުގައި މާދަމާ ފޭދޫ އާއި ދެކޮޅަށް ފަރެސްމާތޮޑާ ނުކުންނައިރު މިއަދުގެ މެޗާއި ފައިނަލް މެޗު ބަލަން ގައުމީ ޓީމުގެ ކޯޗު ރިކީ ހާބްޓް ވެސް ވަނީ އައްޑޫ އަށް ގޮސްފަ އެވެ.