26 Jan 2016, 21:09
ލޮލުގެ ފުސް ކެހުމަށް ހާއްސަކޮށްގެން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އައި ކޭމްޕުގައި ބޭނުން ކުރި 5.7 މިލިއަން ރުފިޔާގެ މެޝިނަރީސް ރާއްޖޭގެ ސިއްހީ ދާއިރާ އަށް ހަދިޔާ ކޮށްފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި "ބްރައިޓް ޖާނީ" އައި ކޭމްޕުގައި ބޭނުން ކުރި މެޝިނަރީސް ދިވެހި ސަރުކާރާ ހަވާލުކޮށް ދެއްވީ ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަންގު ފުކާންގު އެވެ. އަދި ރާޢްޖޭގެ ފަރާތުން އެތަކެއްޗާ ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، މިއަދު ހަދިޔާ ކުރެވުނު މެޑިކަލް މެޝިނަރީސްތައް ލޮލުގެ ސާޖަރީތައް ހެދުމަށް ބޭނުން ކުރަމުންދާނެ ކަމަށެވެ.
"....ލޮލުގެ ސާޖަރީތަކަށް އެންމެ ފަހުގެ ސްޓޭޓް އޮފް އާޓު އިކުއިޕްމަންޓްސް ރާއްޖެއަށް ހަދިޔާ ކުރެއްވީ، ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ހިދުމަތެއްގެ ގޮތުގައި. މި މެޑިކަލް އިކިއުޕްމެންޓްސް އަޅުގަނޑުމެންގެ ހޮސްޕިޓަލްތަކުގައި އަޅުގަނޑުމެންނަށް ބޭނުންވާ ހިނދެއްގައި އެފަދަ ސާޖަރީކުރުމަށް ބަހައްޓާފަ ބަލަހައްޓަމުން ދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
ޗައިނާއިން އެފަދަ ސާމާނުތަކެއް ރާއްޖެއަށް ހަނދިޔާ ކުރެއްވީތީ ހެލްތު މިނިސްޓަރު ވަނީ ޗައިނާގެ ސަފީރަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ނުވަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ "ބްރައިޓު ޖާނީ" އައި ކޭމްޕުގައި ޖުމްލަ 100 މީހެއްގެ ކެޓެރިކް ސާޖަރީ ހަދާފައިވެ އެވެ. އޭގެތެރެއިން 83 މީހެއްގެ ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާފައިވާ އިރު ބާކީ ތިބި 17 މީހުންގެ ސާޖަރީ ވަރަށް އަވަހަށް ކުރެވޭނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.