26 Jan 2016, 18:18
ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑު ބަޔާންކުރާ ގަވާއިދަށް ކާބޯތަކެތީގެ ހިދުމަތް ދޭ ފަރާތްތައް އަހުލުވެރި ކުރުވުމުގެ ޕްރޮގުރާމެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.
އެޗްޕީއޭ އިން ބުނީ އެ ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތައް އާ ގަވާއިދަށް އަހުލުވެރިވެފައި ވަނީ ކިހާ މިންވަރަކަށްތޯ ބަލާ، އެ ތަންތަނުގެ އާންމު ސާފުތާހިރުކަން ބެލުން ކަމަށެވެ.
އެޗްޕީއޭއިން ބުނީކާބޯތަކެތީގެ އާންމު ސާފުތާހިރުކަމުގެ މިންގަނޑު ބަޔާންކުރާ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރުމަށް ބާރުއަޅާ، މިހާރުވެސް އެ ހިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހަމަވާތީ އެކަމަށް އިތުރު ސަމާލުކަން ދިނުމަށް މައުލޫމާު ދިނުން ކަމަށެވެ.
އެޗްޕީއޭ އިން ބުނީ އެ ޕްރޮގުރާމުގައި އެޗްޕީއޭގެ ހުރިހާ މުވައްޒަފުން ބައިވެރިވާނެ ކަމަށެވެ. އަދި މިއަދު ފެށި އެ ޕްރޮގުރާމުގައި އެޗްޕީއޭގެ ޓީމުތަކެއްގެ ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި މެންދުރު 2:00 އިން އިރުއޮށްސި 6:00 އަށް ހަރަކާތްތެރިވާނެ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މާދަމާ މާލެ ކައިރި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ހުޅުމާލެ، ވިލިމާލެ، ހުޅުލެ، އަދި ތިލަފުށީގައި ވެސް އެ ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ޕްރޮގުރާމުގައި ބަލާ ފާސްކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކަށް ބަލާއިރު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކޮށްފައިވޭތީ ބެލުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމގެ ގަވާއިދުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނަގާފައިވޭތޯ ބެލުމުގެ އިތުރުން ދުންފަތުގެ ނޯޓިސް ހަރުކުރެވިފައިވޭތޯ ބަލާނެ ކަމަށެވެ. އަދި އެ ތަންތަނުގެ އާއްމު ސާފުތާހިރުކަން ޗެކު ކުރެވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ކޯބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދަށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29ވަނަ ދުވަހުން ފެށިގެން އަންނަނީ އަމަލު ކުރަމުން ނެވެ. އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އެ ގަވާއިދުގެ ދަށުން އަލުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އެޗްޕީއޭ އިން އަންނަނީ ކުރަމުން ނެވެ.