އިސްލާމް އާބާދު (ޖަނަވަރީ 26) : ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް ރަޙީލް ޝަރީފް އަންނަ ނޮވެމްބަރުމަހު މަގާމުން އިސްތިއުފާ ދެއްވާނެކަން އެގައުމުގެ ސިފައިންގެ ހާމަކޮށްފިއެވެ.

ޕާކިސްތާން ސިފައިންގެ ޕަބްލިކް ރިލޭޝަން އިން ބުނީ ޖެނެރަލް ރަޙީލް ޝަރީފް އަދާކުރައްވަމުން ގެންދަވާ ޗީފް އޮފް ސްޓާފްކަމުގެ މަގާމުގެ މުއްދަތު މިއަހަރުގެ ނޮވެމްބަރުމަހު ހަމަވުމުން އެމަގާމުން ވަކިވެ ވަޑައިގެން މުސްކުޅިކުރެއްވުމަށް އޭނާ ބޭނުންފުޅުވާކަމުގަ އެވެ.

ޖެނެރަލް ޝަރީފް ޕާކިސްތާން ސިފައިންގެ ލަޝްކަރުތަކުގެ ޗީފް އޮފް ސްޓާފްކަމުގެ މަގާމުގައި ހުންނަވާތާ މިހާރު ވަނީ ދެވަނަ އަހަރުނިމި ތިންވަނަ އަހަރަށް އަޅާފައެވެ. އޭނާ މަގާމާ ހަވާލުވެ ވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ޖެނެރަލް ޝަރީފަކީ ޕާކިސްތާން ސިފައިންގެ ޗީފް އޮފް ސްޓާފްކަމުގެ މަގާމް އަދާކުރައްވާފައިވާ ޖެނެރަލުންގެ ތެރެއިން ފާހަގަކޮށްލެވޭ އަސްކަރީ ޝަޚްސިއްޔަތެކެވެ. ތާލިބާން ޖަމާއަތާ ދެކޮޅަށް ޕާކިސްތާނުން ކުރިޔަށް ގެންދިޔަ އެންމެ ވަރުގަދަ އަސްކަރީ އޮޕަރޭޝަންތައް ތަންފީޒު ކޮށްފައި ވަނީ އޭނާގެ ބެއްލެވުމުގެ ދަށުންނެވެ.

މީގެ އިތުރުން ޖެނެރަލް ޝަރީފަކީ ތާލިބާނުންނާ ސުލްހައިގެ ވާހަކަތައް ދައްކައިގެން އެ މީހުން ހެޔޮ މަގަށް އެޅުވުމަށް ވެސް އިންކަންދެއްވާ ބޭފުޅެކެވެ. ޕާކިސްތާން ސިފައިންގެ ތެރޭގައި ޖެނެރަލް ޝަރީފަށް ތާއީދު ބޮޑު ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އޭނާއަކީ ސިޔާސީ ވިސްނުމުގެ ބޭފުޅެއްނޫން ކަމާއި އަސްކަރީ ޕްރޮފެޝަންގެ ބޭފުޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖެނެރަލް ޝަރީފަކީ ޕާކިސްތާނުގެ އަސްކަރީ އެކަޑަމީން އަސްކަރީ ދާއިރާއިން މަތީ ތައްލީމް ހާސިލް ކުރައްވައިގެން އަދި ގައުމުން ބޭރުގައި ވެސް އަސްކަރީ ތަމްރީންތައް ހައްދަވާފައިވާ ބޭފުޅެކެވެ. ޕާކިސްތާނުގެ އެކި ބާރުތަކުގެ ރެޖިމެންޓްތަކުގެ ކޮމާންޑަރުކަން އޭނާ ކުރައްވާފައިވެ އެވެ. އަދި އޭނާއަކީ ޕާކިސްތާނުގައި ދޭ އަސްކަރީ މެޑެލްތަކާއި ޝަރަފުތަކާއި ލަގަބުތަކުގެ އިތުރުން އެމެރިކާއާއި ސައޫދީ އަރަބިޔާއާއި ބްރަޒީލްފަދަ ގައުމުތަކުންވެސް އަސްކަރީ އިނާމުތައް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އުމުރުން 59 އަހަރުގެ ޖެނެރަލް ޝަރީފަކީ ޕާކިސްތާނުގެ ބަލޫޗިސްތާންގެ ކުއެޓާ އަށް އުފަން ބޭފުޅެކެވެ. އުމުރުން 60 އަހަރަށްފަހު ސިފައިންގެ ޚިދްމަތުން މުސްކުޅި ކުރަންޖެހޭކަމަށް ޕާކިސްތާނުގެ އަސްކަރީ ގާނޫނު ބުނެއެވެ. (ނޫސްއެޖެންސީތައް)