26 Jan 2016, 16:23
ފުލުހުންގެ ބަންދުގައި ހުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރަށް އާއިލީ ބައްދަލުވުންތައް ދިނުމުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ އެމަނިކުފާނު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޝަރީއަތަށް ފޮނުވަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.
އެ މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމާފައި ވަނީ މިއަދު 3:00ގައި ސިވިލް ކޯޓުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، އަދީބު ހުށަހެޅުއްވި ދައުވާގައިވާ ކަންތައްތަކަށް ދައުލަތުން އެއްބަސްނުވުމާ ގުޅިގެންނެވެ.
ދައުލަތުން މިއަދު ތަކުރާރުކޮށް ބުނެފައި ވަނީ އާއިލީ ބައްދަލުވުންތައް ދިނުމުގައި އަދީބާ މެދު އަމަލު ކުރަނީ ބަންދުގައި ތިބި އެހެން މީހުންނާ މެދު ވެސް އަމަލުކުރާ އުސޫލުން ކަމަށެވެ.
މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށް އަދީބުގެ ހަގުއަނބި މަރިޔަމް ނަޝްވާ ވެސް ވަޑައިގަތެވެ.
އެ މައްސަލަ އަދީބު ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
އަދީބު ވިދާޅުވެފައި ވަނީ އޭނާ ދޫނިދޫގައި ނިދަންޖެހެނީ ދެ ފޫޓުގެ އައްޓެއްގައި ކަމަށާއި ނަމަވެސް އޭނާގެ އިސްކޮޅުގައި ފަސް ފޫޓާއި ނުވަ އިންޗި ހުންނަ ކަމަށެވެ. އެހެންކަމުން ނިދަން ވަރަށް އުނދަގޫ ކަމަށް އަދީބު ވިދާޅުވި އެވެ.
އަދީބުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ އަދީބަށް އާއިލާގެ ބޭފުޅުންނާ ސީދާ ބައްދަލު ނުކުރެވޭ ކަމަށާއި ދޫނިދޫއަށް އާއިލާގެ ބޭފުޅުން ވަޑައިގެން ޖެހެނީ އެތަނުގައި ހުންނަ ފޯނަކުން އަދީބަށް ގުޅުއްވަން ކަމަށެވެ.
އަދީބުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ އާއިލީ ބައްދަލުވުން ދިނުމުގައި އަދީބާ މެދު ފުލުހުން ތަފާތު ކުރަމުން ގެންދާ ކަމަށެވެ. އެއީ ގާނޫނު އަސާސީ އާއި ފުލުހުންގެ އާންމު ގަވާއިދުގެ އިތުރުން ބައިނަލް އަގުވާނީ މުއާހަދާތަކުން ޚަޞްމުންގެ މެދުގައި ހަމަހަމަކަން ލިބިދެވުމުގެ ހައްގާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ކުށުގެ ތުހުމަތުގައި ތިބޭ ސިޔާސީ ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިންތިޒާމުކޮށް ދެމުން ގެންދިޔަ އިނާޔަތްތައް ތަފާތުކުރުމެއްނެތި އަދީބަށް ލިބިދިނުމަށާއި އާއިލީ ބައްދަލުވުން ހަމަޖެއްސުމުގައި ތަފާތު ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަވިސްގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެ މައްސަލާގައި އެދިފައިވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.