26 Jan 2016, 15:52
ރެއިން ފެށިގެން ދ. މީދު އަށް ބޯކޮށް ވާރޭވެހި ރަށުގައި ފެންބޮޑުވެއްޖެ އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ރަށުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގައި ބަނޑިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި އެމްއެންޑީއެފް، ކުޑަހުވަދޫ ޕޯސްޓްގައި މަސައްކަތްކުރާ ސިފައިން ގުޅިގެން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނީ ރާއްޖޭގެ މެދުތެރޭ ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި މޫސުން ގޯސްވާނެ ކަމަށެވެ. އަދި މޯލްޑިވްސް މީޓިއޮރިލޮޖިލަލް ސާވިސަސް (އެމްއެމްއެސް) އިން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
މޫސުމާ ބެހޭ އިދާރާ އިން މިއަދު ނެރުނު އެލާޓްގައި ބުނެފައި ވަނީ މިއަދު މެންދުރު 12.30 އިން ފެށިގެން މިއަދުގެ ހަވީރު 16.30 އާ ހަމައަށް ވ. އަތޮޅާއި ލ. އަތޮޅާ ދެމެދުގައިވާ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރެވެހޭނެ ކަމަށެވެ.
ފުލުހުން ބުނީ ފުލުހުންނާއި ސިފައިން ދަނީ މީދޫގެ މަގުތަކުގައި ހެދިފައިވާ ފެން ހިއްކުމަށް ރަށުގެ އެކި ސަރަޙައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތު ހުއްޓުމެއް ނެތި ކުރަމުން ކަމަށެވެ. އެ މަސައްކަތުގައި މީދޫގެ ބައެއް ރައްޔިތުންގެ އެހީތެރިކަން ވެސް ދަނީ ލިބެމުން ކަމަށް ފުލުހުން ބުންޏެވެ.
ރެއިން ފެށިގެން މީދު އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެރަށުގެ ބައެއް ގޭގެއަށް ފެން ވަދެ ބައެއް ތަކެއްޗަށް ވަނީ ގެއްލުންވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.