26 Jan 2016, 16:12
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 10 ވަނަ ސެލްފް ސާވިސް އޭޓީއެމް ޔުނިޓް އައިޖީއެމްއެޗްގައި މިއަދު ހުޅުވައިފި އެވެ.
އެ އޭޓީއެމްތައް ހުންނަނީ ކަނބާއައިސާރަނި ހިނގުމުގައި އައިޖީއެމްއެޗްގެ މައި ގޭޓާ ދިމާއަށްވާ ގޮތަށެވެ.
އަލަށް ހުޅުވި ސެލްފް ސާވިސް އޭޓީއެމް ޔުނިޓްގައި ސިޓީ އުރާގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމަށް ހާއްސަ އޭޓީއެމްއަކާއި ދިވެހި ރުފިޔާ ނެގުމާއި ޖަމާކުރުމަށް ހާއްސަ ދެ އޭޓީއެމް ބަހައްޓާފައި ހުރެ އެވެ. އެތަނުން އެއް އޭޓީއެމް އިން ޖަމާކުރެވޭނީ 100 ރުފިޔާ އިން ދަށުގެ ނޫޓްތަކެވެ. އަނެއް އޭޓީއެމް އިން ޖަމާކުރެވޭނީ 50 ރުފިޔާ އިން މަތީގެ ނޫޓްތަކެވެ. ދެ އޭޓީއެމް ވަކިވާގޮތަށް ނޯޓިސްއެއް އޭޓީއެމް މަތީގައި ބަހައްޓާފައި ހުންނާނެ އެވެ. ޖުމްލަ ތިން އޭޓީއެމް ބަހައްޓާފައިވެ އެވެ.
ސައުވީސް ގަޑިއިރުގެ ހިދުމަތް ލިބި، ދިވެހި ރާއްޖޭގައި އަލަށް ބޭނުންކުރަން ފެށި ފައިސާގެ ނޫޓްތައް ލިބޭ އެ އެ އޭޓީއެމް ޔުނިޓް ރަސްމީކޮށް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބީއެމްއެލްއަކީ ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބޭންކެއް ކަމަށާއި ޒަމާނާ ގުޅޭ ފަހުގެ ހިދުމަތްތައް އެ ބޭންކުން އަބަދު ވެސް ތައާރަފު ކުރަމުން އަންނަ ކަމަށް ޓަކައި ބީއެމްއެލްގެ އިސްވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ދުވަހަކަށް ފަހު ދުވަހެއް ބީއެމްއެލްގެ ހިދުމަތް ރާއްޖެއަށް މިހާރަށް ވުރެ ވެސް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް އެ ބޭންކުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ބޭންކުގެ ތަރައްގީއަށް ވެތުވެ ދިޔަ އަހަރު ވެސް ގިނަ އިންވެސްޓްތަކެއް ކޮށްފައިވާ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.
މިއަދު ތައާރަފްކުރި އާ ނޫޓްތައް މިހާރު ބީއެމްއެލްގެ ހުރިހާ ބްރާންޗަކުންނާއި އޭޓީއެމްތަކުން ވެސް ލިބޭނެ އެވެ.