ކެލިފޯނިއާ (ޖެނުއަރީ 26): މުވައްޒަފަކަށް ޖިންސީ އަނިޔާކޮށް ވަޒީފާ އިން ވަކިކުރި މައްސަލައިގައި މަޝްހޫރު ޔޯގާ ޓީޗަރެއް ކަމަށްވާ ބިކްރާމް ޗޯދްރީގެ މައްޗަށް އޭނާ ކުރި އަނިޔާގެ ބަދަލުގައި 924،500 ޑޮލަރު ދޭން ހުކުމްކޮށްފި އެވެ.

ޗޯދްރީގެ ކުރީގެ އެޓާނީ، މިނަކްޝީ ޖަފާ ބޮދެން އޭނާއާ ދެކޮޅަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ ގޮތުން ތަފާތު ކުރުމާއި، ޖިންސީ އަނިޔާ ކުރުމާއި ގަބޫލުކުރެވޭ ސަބަބަކާ ނުލައި އޭނާ ވަޒީފާ އިން ވަކިކުރުމެވެ.

މިނަކްޝީ ބުނި ގޮތުގައި 2013އިގައި އޭނާ ވަޒީފާ އިން ވަކި ކުރީ ޗޯދުރީ އެހެން އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލަ ތަހުގީގު ކުރަން ފެށުމުންނެވެ. ކޯޓު އަޑުއެހުންތަކުގައި ޗޯދުރީ ވަނީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް ދޮގުކޮށްފަ އެވެ.

މީގެ ކުރިން ވެސް ހަ އަންހެނަކު ވަނީ ޗޯދުރީއާ ދެކޮޅަށް ޖިންސީ އަނިޔާކުރިކަމުގެ ދައުވާކޮށްފަ އެވެ. ނަމަވެސް، އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން އެދައުވާތައް ވަނީ ސާބިތުނުކުރެވިފަ އެވެ.

އިންޑިއާ އަށް ނިސްބަތްވާ ޗޯދުރީ އެމެރިކާ އަށް ބަދަލުވީ 1971 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނަ ވަނީ ކާމިޔާބު ޔޯގާ ޓީޗަރަކަށްވެ، ބިކްރާމް ޔޯގާގެ ނަމުގައި އާވައްތަރެއްގެ ޔޯގާއެއް ވެސް ތައާރަފްކޮށްފަ އެވެ. (ޕީޓީއައި)