ގއ. ވިލިނގިލީގެ ދެ ގެއެއް ފުލުހުން ބަލައި ފާސްކޮށް، ސިހުރު ހަދަން ބޭނުންކުރާ ގިނަ ޢަދަދެއްގެ ތަކެތި ފެނުނު ކަމަށް ބުނެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 66 އަހަރުގެ ފިރިހެނަކާއި 61 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ދެ މީހުންނާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ، ފުލުހުންގެ އިންޓެލިޖެންސާއި ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އަޕާ ސައުތު ޕޮލިސް ޑިވިޒަން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރި އިރު އެދެ ގެއިންވެސް ވަނީ ސިހުރު ހެދުމަށް ބޭނުންކުރާ ގިނަ ޢަދަދެއްގެ ފޮތްތަކާއި ލިޔުންތައް ފެނިފައި ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އެ ދެ ގެއިން ފެނުނު ތަކެތީގެ ތެރޭގައި 90 އަށް ވުރެ ގިނަ ފޮތާއި އަށް ފައިލެއްގެ އިތުރުން ގިނަ ލިޔުންތަކެއް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.