ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހުންގެ ޝަރީއަތުގެ މަޖިލީހުގައި ދޮގު ހެދި ދިން ތިން މީހެއްގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް ފުލުހުންނަށް އަންގަވައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ތިން މީހުންގެ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ތިން މީހުން ދޮގު ހެކި ދީފައިވާތީ ކަމަށެވެ.

އެ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަތަރު މީހަކު ސިއްރުން ހެކިބަސްދީފައިވާ އިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ ދައުލަތުން ކުރި ސުވާލުތަކަށް ކަނޑައެޅިގެން އިންކާރުކޮށް ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމަކީ ނުހިނގާ ކަމެއްކަމަށް ދޭހަވާ ގޮތަށް ހެކިބަސްދީފަ އެވެ. ނަމަވެސް ތަހުގީގު މަރުހަލާގައި އެމީހުން ވަނީ ހާދިސާ ހިނގި ގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ފޮނުވުމުން ވީއެންމެ އަވަހަކަށް އެ ތިން މީހުންގެ މައްޗަށް ދައުވާ އުފުލާނެ ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އީރާނުގެ "ހޮރުމޯޒު" ނަމަކަށް ކިޔާ މަސްބޯޓަކުން ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެން 24 ކިލޯގެ ޑްރަގް އެތެރެކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ގ. ޓްރަސްޓްހޯމް އިސްމާއިލް މޫސާ އާއި ހ. އެވާޕީސް އަބްދުﷲ ސޮފްވަތުގެ މައްޗަށެވެ.