ކާބުލް (ޖެނުއަރީ 26):ދެކުނު އަފްޣާނިސްތާނުގައި ހުރި ޗެކްޕޮއިންޓެއް ކައިރީ ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ ތެރެއިން އެއް ފުލުހަކު އޭނާއާ އެކު ތިބި 10 ފުލުހަކު މަރާލައިފި ކަމަށް އެގައުމުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އަފްޣާނިސްތާނުގެ ރޫޒްޚާން ޕްރޮވިންސުގެ ގަވަރުނަރުގެ ތަރުޖަމާނު ދޯސްތު މުހައްމަދު ނަޔާބު ވިދާޅުވީ، ހަމަލާދިން ފުލުސްމީހާ އެ ދިހަ ފުލުހުންގެ ގަޔަށް ބަޑި ޖަހައި މަރާލީ އެމީހުން ނިދާފައި ތިއްބައި ކަމަށެވެ. އަދި އެ 10 ފުލުހުން މަރާލުމަށް ފަހު އެ ފުލުސް މީހާ ވަނީ ހުރިހާ ފުލުހުންގެ ބަޑިއާއި ވަޒަންތައް ނަގައިގެން ފިލާފައި ކަމަށް ނަޔާބު ވިދާޅުވި އެވެ.

އަފްޣާނިސްތާނުގެ ތާލިބާނުން ވަނީ އެހަމަލާގެ ޒިންމާ ނަގާފަ އެވެ. އަދި ހަމަލާދިން ފުލުސް މީހާ މިހާރު ހުރީ ތާލިބާނުންނާ އެއްކޮށް ކަމަށް އެޖަމާއަތުން ބުންޏެވެ. އަފްޣާނިސްތާނުގައި ތާލިބާނުން ގިނަ ސަރަހައްދުތަކުގައި އެފަދަ ހަމަލާތައް ދިނުން ވަނީ އާއްމުވެފައެވެ. (އޭޕީ)