ލަންޑަން : އީރާނާ މުޢާމަލާތް ކުރުމުގައި އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް ޤަތަރުގެ އަމީރު އައްޝައިޚް ޙަމަދް ބިން ޚަލީފާ ފާޑުވިދާޅުވެއްޖެއެވެ.

ލަންޑަންގައި ނުކުންނަ ފައިނޭންޝަލް ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއްގައި ޙަމަދް ވިދާޅުވީ އީރާނާ ވާހަކަ ދައްކައިގެން މައްސަލަތައް ޙައްލުކުރުމުގެ ބަދަލުގައި އީރާނާދެކޮޅަށް ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނާއި އިންޒާރުދީ ގެންނާއި ބިރުދައްކައިގެން ކަންތައްތައް މަޖްބޫރު ކުރުވުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތު ފޭލްވެފައިވާ ކަމުގައެވެ.

ޤަތަރުގެ އަމީރު ވިދާޅުވީ އެމެރިކާގެ މިހަރުކަށި ސިޔާސަތުތަކުގެ ސަބަބުން އީރާނުގެ އިތުރުން ޚުދު އެމެރިކާއަށާއި ގަލްފުގެ ޤައުމުތަކަށްވެސް ގެއްލުމާއި ނުރައްކާތަކާއި ނުތަނަވަސްކަން ލިބެމުންދާ ކަމަށާއި އީރާނާމެދު އެމެރިކާ ގެންގުޅޭ ސިޔާސަތަށް ހެޔޮ ބަދަލުތަކެއް އަންނަތަން ދެކެން ބޭނުންވާ ކަމުގައެވެ.
އަމީރުގެ ވާހަކަފުޅުގައި އީރާނަށް ޙަމަލާދިނުމަށް ޤަތަރުގެ ބިން ބޭނުންކުރުމުގެ ފުރްސަތު އެމެރިކާއަށްވެސް އަދި އެހެން ޤައުމަކަށްވެސް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. ޤަތަރުގައި އެމެރިކާ ވަރަށް ބޮޑު ވައިގެ ބޭހެއް ބިނާކޮށްފައިވެއެވެ.

ޤަތަރުގެ އަމީރު މިމޭރުމުން ވާހަކަ ދެއްކެވީ އީރާނުން ގަލްފުގެ ސަރަޙައްދަށް ނުފޫޒު ހިންގަން މަސައްކަތްކުރާ ކަމަށްބުނެ އެެމެރިކާއާއި އިސްރާއީލުގެ ލީޑަރުން ތަފާތު ބަޔާންތައް ދެއްވަމުން ގެންދަވާ ދުވަސްވަރެއްގައެވެ.
އަނެއްކޮޅުން އިސްރާއީލުންވަނީ އީރާނާ ގުޅުންތައް އަލުން ޤާއިމް ކުރުމަށް މިސްރުން މަސައްކަތްކުރާތީ އެކަމާ ކަންބޮޑުވާކަން ހާމަކޮށްފައެވެ. އެެމެރިކާއާއި އިސްރާއީލުގެ ލީޑަރުންނަށް ރައްދު ދެއްވަމުން އީރާނުގެ ރައީސް އަޙްމަދީ ނެޖާދްވަނީ ޢަރަބި ޤައުމުތަކާއި އީރާނާ ދެމެދު ފިތްނައާއި ހަސަދަ އުފެއްދުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކޮށްފައެވެ.

އެމެރިކާގެ ގޮނޑިކޮށްކޮއިންގެ ގޮތުގައި ބެލެވޭ ޢަރަބި ބައެއް ވެރިންނާ ދެކޮޅަށް ރައްޔިތުން ގެންނަމުންދާ އިންޤިލާބުގެ ސަބަބުން އިސްރާއީލުގެ މުސްތަޤްބަލާމެދު އެެމެރިކާއާއި އެމެރިކާގެ މައްޗަށް ނުފޫޒު ހިންގާ ޔަހޫދީ ލޮބީ ޖަމާއަތްތައް ހާސްވެފައިވާ ކަމަށް އީރާނުގެ ނޫސްތައްް ބުނެއެވެ. -- އަލްޢާލަމް